ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތެއް އަދި ނެތް ނަމަވެސް، އެކަން ކުރަން ޖެހިއްޖެނަމަ، ކުދިންނަށް ގޭގައި ތިބެގެން ކިޔަވައިދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިރުޝާދާއެކު ވައިރަހާ ގުޅިގެން ކަނޑައަޅަންޖެހޭ އެލާޓް ލެވެލްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ރާއްޖެ ނުދާ ކަމަށް މަބުރޫކު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
ނަމަވެސް، މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން އެކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ފޯނުން ވާހަކަ ދެއްކެވި ކަމަށާއި، ކޮންމެހެން ސްކޫލްތައް ބަންދު ނުކުރުމުގެ ވިސްނުމެއް މިނިސްޓަރު ވެސް ނުގެންގުޅުއްވާ ކަމަށް މަބުރޫކު ހާމަކުރެއްވި އެވެ.
"މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތްމި ދުވަސްތަކުގައި އަޅަންޖެހޭނެ ފިޔަވަޅުތަކާއި ހުރިހާ ސެނާރިއޯތަކަށް ތައްޔާރުވަމުންނޭ މި ދަނީ. އޭގެ މާނައަކީ ސްކޫލުތައް ބަންދު ކުރަންޖެހެންޏާ ގޭގައި ކިޔަވައިދެވޭނެ ގޮތްތަކާއި، ސްކޫލުތައް ބަންދުކުރޭތޯ ނުކުރޭތޯ އާއި، އަދި ރަށްރަށުގައި އޮތް ހާލަތުވެސް ބައްލަވަމުން ގެންދަވާކަމަށް،" މަބުރޫކު ވިދާޅުވި އެވެ.
މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވެފައިވަނީ ޔުނިވާސަލްގެ މުވައްޒަފު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިނަމަ، މާލޭ ސިޓީގެ ހާލަތު ބަދަލުވީސް ކަމަށާއި އެ ހާލަތް އައިނަމަ ސްކޫލްތައް ބަންދުކުރީސް ކަމަށެވެ.
ނަމަވެސް މާލެއިން ކަރަންޓީނުކުރި ޔުނިވާސަލްގެ މުވައްޒަފު ވަނީ ކޮރޯނާ ވައިރަހަށް ނެގަޓިވްފެފަ އެވެ. އެހެންވެ، މި ވަގުތު ހާލަތަށް ބަދަލެއް އައިސްފައިނުވާތީ، ސްކޫލްތައް ބަންދު ކުރުމުގެ ނިންމުމެއް ނެތް ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ސްކޫލްތައް ބަންދު ނުކުރި ނަމަވެސް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މި ދުވަސްވަރު ކުރިއަށް ނުގެންދަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ހަ މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ.
މީގެއިތުރުން ކުރަމަތި ރިސޯޓާއި ވިލިމަންދޫ ރިސޯޓްގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު ވެސް މިހާރު ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ތިން ރިސޯޓުން ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކުވާ މީހަކު ފެނި، މޮނީޓާ ކުރަން ފަށާފަ އެވެ.