ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ އެއާލައިން ސިނާއަތަކަށެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން އަންދާޒާ ކުރާ ގޮތުގައި މި ސިނާއަތަށް މިހާތަނަށް ލިބުނު ގެއްލުމުގެ އަގު 118 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
މި ގެއްލުމުން ރާއްޖޭގެ އެއާލައިންތައް ވެސް ސަމާލަތެއް ނުވެ އެވެ. ރާއްޖެ އިން އެންމެ ބޮޑު ގެއްލުމެއްވާ އެއް އެއާލައިންއަކަށް ގައުމީ އެއާލައިން "މޯލްޑިވިއަން" ވާނެ އެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހުން ވެފައި ވަނީ އެ ކުންފުންޏަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ. ނަމަވެސް މޯލްޑިވިއަން މި ވަނީ މި ގެއްލުން ކުޑަކޮށް، ކުންފުނީގެ މިސްރާބު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.
މޯލްޑިވިއަނުން ވަނީ ފިނޭންސްގެ ލަފަޔާއެކު ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅު ތަކެއް މިހާރު ވެސް އަޅަން ފަށާފަ އެވެ.
ހަރަދު ކުޑަ ކުރުމުގެ މި ފިޔަވަޅުތަކާއެކު މީގެ ކުރިން ކުންފުންޏަށް ގެއްލުން ވާގޮތަށް ކޮށްފައި ހުރި ގިނަ ކަންކަން ތަކެއް ވެސް ރަނގަޅު ކުރާނެ އެވެ.
މޯލްޑިވިއަންގެ އޮފީސް ހިންގަމުން ގެންދާ ދާރުން އީމާން އޮފީސް ހިންގުމަށް ކުރީގެ މެނޭޖުމަންޓުން އަށް މިލިއަން ރުފިޔާގެ އެޑްވާންސާއެކީ ކުއްޔަށް ހިފައި ނުދައްކާ އޮތް ހަ މިލިއަން ރުފިޔާ އިސްލާމިކް މިނިސްޓްރީ އާދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވަނީ ދައްކަން ފަށާފަ އެވެ.
މޯލްޑިވިއަން އިން ދާދި ފަހުން ހިންގަން ފެށި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަށް އިތުރު އާ ވިޔަފާރިތައް ގެނެސް މި އެއާޕޯޓަކީ ނ. އަތޮޅަށް ވެސް މަންފާ ލިބޭ ތަނަކަށް ހަދަން ދަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު އެ އަތޮޅުގެ ޓޫރިޒަމް ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރި އެހެން ހަރު ފަތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސަރުކާރުން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފަ އެވެ. ސަރުކާރުގެ މި ވައުދާއެކު ކުންފުނި ރަނގަޅު މިސްރާބަށް ދާއިރު، ކުންފުނީގެ ހިންގުން ހުރީ ރަނގަޅު މިސްރާބަށްކަން ދާދި ފަހުން އޮޑިޓާ ޖެނެރަންގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.