އިޓަލީގެ ރޯމުން ފުރައިގެން މިއަދު ރާއްޖެ އައި ދެ ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން ކުރާ ކަމެކެވެ.
ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން އަންނަ ދިވެހިން މޮނީޓާ ކުރުމުގެ ގޮތުން 14 ދުވަހު ކަރަންޓީނުގައި ބެހެއްޓުމެވެ. އިޓަލީއިން އައި ދެ މީހުން ވެސް ކަރަންޓީނު ކުރީ އެ އުސޫލުގެ ދަށުންނެވެ.
އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާއިރު އެ ގައުމުން ވެސް ވަނީ އެ ގައުމުން މީހުން ބޭރުވުމާއި އެތެރެވުން ހުއްޓުވައި މުޅި ގައުމު ކަރަންޓީނުކޮށްފަ އެވެ.
ރާއްޖެއިން އިޓަލީއިން މީހުން އެތެރެވުން މަނާކުރީ އެ ގައުމުގެ ޓޫރިސްޓަކު ރާއްޖޭގެ ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އެވެ. އޭގެ ފަހުން އެ ޓޫރިސްޓްގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ.
އޭގެ އިތުރުން އެ ރިސޯޓްގެ ދެ ޓޫރިސްޓަކު ވެސް ކޮރޯނާ ވައިރަހަށް މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.
ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.