ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިޓަލީ މީހާ "ސިއްރުކުރި" މަހުޖަނު ހައްޔަރު ނުކުރާތީ މީކާއީލްގެ ނުރުހުން

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރުވާލި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ތަޅުމުގައި މިއަދު ނުރުހުން ފާޅު ކުރައްވައިފި އެވެ.

ރާއްޖޭގައި އެ ވައިރަސްއަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް ވައިރަސް ޖެހުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށް ފުރައިގެން ދިޔަ އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާއަށް ވައިރަސް ޖެހިފައި ވަނީ އެނބުރި ގައުމަކަށް ފިޔަ ފަހުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެ ކަން އެ ރިސޯޓުން ރިޕޯޓުކޮށްފައި ނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައި ވެސް ދެ ދުވަހު ހުރިކަމަށް މިއަދު ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލާގައި ވައިރަހަށް ޝައްކުކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަމުރު ކުރުމުން ފުލުހުން ވަނީ އެ ތަހުގީގު ފަށާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި ބޭއިންސާފުތައް ހިމެނޭ ކަމަށެވެ. މި ގޮތުން "އާދައިގެ ނިކަމެތި" މީހާ އާއި "ބޮޮޑެތި މަހުޖަނު" މީހުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ، ޒަމާނުއްސުރެން ދައުލަތުގެ ބާރުތަކުގައި "ވަކި ހިއްޕާލައިގެން" ތިބި ބޮޑެތި ނުފޫޒު ގަދަ ވިޔަފާރިވެރިންނާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގުތައް ކުރިއަށް ދާއިރު، އަބަދުވެސް އެހެން މައްސަލަތަކާ ތަފާތުކޮށް ވަކި ހާއްސަ އުސޫލުތަކެއްގެ ތެރެއިން އަމަލު ކުރެވިގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

މި ގޮތުން މިހާރު ވެސް ޖިނާއީ ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގަށް މީހުން ބަންދުކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު ކޮރޯނާ ވައިރަސް ފެތުރެން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަގާއި އެ ރިސޯޓްގެ ވެރި ފަރާތް ހުރީ މިނިވަން ކޮށް ކަމަށް ވިދާޅުވެ މީކާއީލް ނުރުހުން ފާޅުކުރެއްވި އެވެ.

"ރިހާކުރު ފުޅިއެއް ވަގަށް ނަގައި މީހާ އަނެއް ދުވަހު ބަލާއިރު ހުންނަނީ ކުޑަ ގޮޅީގައި. ބަންދު ކުރެވިފައި. އެހެންވިޔަސް އެންމެން އެއަކުން ރައްކާތެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ބޮޑު ބައްޔެއް ރާއްޖޭގައި ފެތުރޭނެ ކަމަކަށް އެނގިހުރެ އަލާނުލި މަހުޖަނު މީހާ، ރިސޯޓު އޯނަރު، އޭނާއާ ބެހޭ ތަހުގީގެއް ހިނގަމުންދާއިރު މި ހުންނަނީ މިނިވަންކޮށް، މިއީ ކޮން ފަދަ އިންސާފެއްތޯ،" ރިސޯޓް ހިންގަމުންދާ ވިޔަފާރީގެ ނަން ނުގެނެސް ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވި އެވެ.

ޅ. ކުރެއްދޫ ރިސޯޓް ހިނގަމުން ގެންދަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އެވެ. އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި މީހާގެ ފަރާތުން ވައިރަސްގެ އަލާމާތްތައް ފެންނަން ހުރި އިރު ވެސް ރިޕޯޓް ނުކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، އެ ތަން މިހާރު ވަނީ ލޮކްޑައުން ވެސް ކުރަން ޖެހިފަ އެވެ. އެ ރިސޯޓްގައި 270 ދިވެހިންނާއެކު 1،300 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.

މީކާއީލް ވިދާޅުވި ގޮތުގައި ހެއްކަށް ނުފޫޒު ފޯރުވަން ވެސް އެންމެ ބޮޑަށް ފުރުސަތު އޮންނަނީ މިފަދަ މުއްސަނދި ވިޔަފާރިވެރިންނަށެވެ. އެފަދަ ވަސީލަތްތައް ބޮޑަށް ލިބިގެން ވަނީ ވެސް އެ މީހުންނަށް ނޫންތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ރިސޯޓްގެ ވެރިފަރާތާ ތަފާތުކޮށް އަމަލުކުރެވިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގައިމު ވެސް ގަބޫލު ކުރަނީ ކޮރޯނާ ވައިރަސް ދިވެހިރާއްޖޭގައި ފަތުރަން އެނގި ހުރެ އެ ފުރުސަތު ދިން ކަމަށް ތުހުމަތު ކުރެވޭ ރިސޯޓް އޯނަރުގެ ތަހުގީގު ހިނގަމުންދާއިރު އޭނާ ހުންނަން ޖެހޭނީ ކުޑަ ގޮޅީގައި ހައްޔަރު ކުރެވިފައި ކަމަށް، އެއްވެސް ވަރަކަށް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޭނާއަށް ދެވިގެން ނުވާނެ ކަމަށް،" މީކާއީލް ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ ރާއްޖޭގައި ހަގީގަތުގައި އިންސާފު ގާއިމު ވެގެން ދާނީ އަދުލުގެ ނިޒާމުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހަމަ ހަމަ އުސޫލުން ހަމަހަމަ ގޮތްތަކުގެ މަތިން އަމަލު ކުރަން ފެށި ދުވަހަކުން ކަމަށެވެ. މިހާރު ހުށަހެޅިފައިވާ ބިލު ކޮމިޓީ މަރުހަލާގައި ދިރާސާ ކުރާއިރު މިފަދަ ކަންކަމަށް ރިއާޔަތް ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.