ދުނިޔެ

ކާމިޔާބީތަކާއެކު ބައިޑަން ޑިމޮކްރެޓިކް ރޭހުގެ ކުރިއަށް

Mar 11, 2020

ވޮޝިންގްޓަން (މާޗް 11) - އެމެރިކާގައި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކެންޑިޑޭޓަކު ނެރުމުގެ ރޭހުގެ ކުރިއަށް، ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ޖެހިލައިފި އެވެ.

ބޮޑު އަންގާރައިގެ ކާމިޔާބީއަށްފަހު، ހަ ސްޓޭޓެއްގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ މީހުން ނުކުމެ ވަނީ ބައިޑަންއަށް ތާއީދުކޮށްފަ އެވެ. މި ނަތީޖާއާއެކު، ބައިޑަންއާ ވާދަކުރައްވާ ބާނީ ސެންޑާސް ރޭހުން ވަކިވެދާނެކަމުގެ އަޑުތައްވެސް މިހާރު ވަނީ ގަދަވެފަ އެވެ.

ޑެލިގޭޓުންގެ ތާއީދު ލިބުނު ސީދާ އަދަދު އަދި ކަށަވަރުކުރެވިފައިނުވި ނަމަވެސް، މިޝިގަން، މިޒޫރީ، އަދި މިސިސިޕީ ހިމެނޭ ގޮތަށް، ތިން ސްޓޭޓެއްގެ ޕޮޕިއުލާ ވޯޓު ބައިޑަން ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެހެނަސް، ހުޅަނގުގެ ތިން ސްޓޭޓުތައް ކަމަށްވާ އައިޑަހޯ، ވޮޝިންގްޓަން އަދި ނޯތު ޑަކޯޓާގެ ނަތީޖާ އަދި ނުލިބެ އެވެ.

މި ހަ ސްޓޭޓްގެ ވޯޓުގެ އެގްޒިޓް ޕޯލްތައް ދައްކާ ގޮތުގައި، ޑިމޮކްރެޓުން ވޯޓު ލާފައިވަނީ ބޮޑު އަންގާރައިގައިވެސް ވޯޓުން ދިން ގޮތަށެވެ. ޒުވާނުންނާއި މުސްލިމުން ސެންޑާސްއަށް ތާއީދުކުރިއިރު، އުމުރުން ދުވަސް މީހުނާއި އެފްރިކަން އެމެރިކަންސްގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ބައިޑަން އެވެ.

ޑިމޮކްރެޓުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދަނީ، އެމީހުން ބޭނުންވަނީ ޓްރަމްޕް ބަލި ކުރެވޭނެ ވަރުގެ ކެނޑިޑޭޓެއް ހޮވާށެވެ.

އިއްޔެ ވޯޓު ނެގި ހަ ސްޓޭޓުގައި ދެ ކެންޑިޑޭޓުން ވާދަކުރީ ޖުމްލަ 345 ޑެލިގޭޓުންގެ ތާއީދު ހޯދުމަށެވެ. މިހާތަނަށް ބޭއްވުނު ޕްރައިމަރީތަކުން 628 ޑެލިގޭޓުންނާއެކު ކުރީގައި އޮތީ ބައިޑަން އެވެ. ސެންޑާސްއަށް ލިބިވަޑައިގެންފައިވަނީ 545 ޑެލިގޭޓުންގެ ތާއީދެވެ. ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ހޯދުމަށް ޖުމްލަ 1،991 ޑެލިގޭޓުންގެ ތާއީދު ބޭނުންވެ އެވެ.

އިތުރު ހަތަރު ސްޓޭޓެއްގެ ޕްރައިމަރީއަށް މަދު ދުވަސް ކޮޅެއް އޮތް އިރު، މިހާރު ފެންނަމުންދާ މަންޒަރު އަނބުރާލުމަށް ސެންޑާސްއަށް ވަނީ ވަގުތު ކުޑަތަންވެފަ އެވެ.

މާޗް 17 ގައި ފްލޮރިޑާ، އޮހައިއޯ، އިލިނޯއި އަދި އެރިޒޯނާ ސްޓޭޓުތަކުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު، ޖޯޖިއާ ސްޓޭޓުގެ ޕްރައިމަރީ ވަނީ މާޗް 24 އަށް ތާވަލު ކުރެވިފަ އެވެ.

މީގެ ކުރިން، އެމެރިކާގައި ސުޕަ ޓިއުސްޑޭގެ ގޮތުގައި މަޝްހޫރުވެފައިވާ ޕްރައިމަރީގައި 14 ސްޓޭޓުގެ ތެރެއިން އަށް ސްޓޭޓް ވަނީ ބައިޑަން ކާމިޔާބު ކުރައްވައިފަ އެވެ.