ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސް ކުރަންޖެހޭ ހާލަތެއް ނެތް: އީސީ

Mar 11, 2020
2

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގާނޫނުގައި ކަނޑައެޅިފައި އޮންނަ ތާރީހަށް ވުރެ ލަސް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން މިހާރުގެ ކައުންސިލަރުންގެ ދައުރު ހަމަވުމުގެ 30 ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އީސީން އޭޕްރިލް ހަތަރެއްގައި އިންތިހާބު ބާއްވަން ނިންމާފައި ވަނީ ގާނޫނުގައި ބުނާ ދުވަހަށް ވުރެ ކުޑަކޮށް އަވަހަށް ކަމަށާއި އެ ލަސްކޮށްފި ނަމަ ރޯދަ މަހުގެ ފުރަތަމަ 10 އެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ނޯވޭ އިހްތިޔާރެއް އިންތިހާބެއް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އިންތިހާބު ލާސް ކުރުމުގެ ބާރެއް އެހެން ނަމަވެސް އެއްވެސް ފަރާތަކުން ކޯޓުގައި ޗެލެންޖު ކުރައްވައިގެން ކޯޓުގެ އަމުރެއް ގެންނަވައިފި ކަމަށްވާނަމަ އެކަމަށް އަމަލު ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ލަސް ކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދުމުގެ އިހްތިޔާރު އީސީއަށް ލިބިގެންވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއް ރާއްޖެއަށް އައި ކަމަކަށް ނުފެންނަ ކަމަށާއި އެކަމާ ހިޔާލު ތަފާތުވާ އެއްވެސް މެންބަރަކު ވެސް ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކޮމިޝަންގެ މެންބަރުންނަށް އިއްތިފާގު އެބަވޭ އަދި ރާއްޖެއަކަށް [އިންތިހާބު ލަސް ކުރަން] ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ހާލަތެއް ނާންނަ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު ލަސްކޮށްފި ނަމަ ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވާނެ ކަމަށާއި އެގޮތުން އިތުރަށް 30 މިލިއަން ރުފިޔާ އިންތިހާބަށް ހަރަދު ކުރަން ޖެހިދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ކޮމިޝަަނުން އޮޅުން ފިލުވަން ބޭޏުންވާ އެއް ކަންބޮޑުވުމަކީ ވޯޓު ފޮށި ބަހައްޓާ ރިސޯޓެއް ނުވަތަ ރަށަކަށް އަރާ ފޭބުން މަނާކޮށްފި ހާލަތެއްގައި ކުރަން ޖެހޭނެ ކަންތައް ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭގެ އިތުރުން ބޭރު ގައުމުތަކުގައި ވޯޓު ލުމަށް ވެސް ގިނަ ދިވެހިން އެއް ތަނަކަށް އެއްވާއިރު އެކަމުގެ ހުއްދަ އެ ގައުމަކުން ދޫކުރާނެ ކަމާ މެދު އުފެދިފައިވާ ސުވާލަކީ ވެސް ކަންބޮޑުވުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.