ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިލެކްޝަންސް ކޮމިޝަން

އީސީގެ ބައެއް އާންމު ހިދުމަތްތައް މެދުކަނޑާލައިފި

Aug 3, 2020

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި އެވެ.

އީސީ އިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، އެ ކޮމިޝަންގެ ބައެއް ހިދުމަތްތައް މެދުކަނޑާލަން ނިންމީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުުން އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް އައިސްފައި ވަނީ އޮފީސް މާހައުލުން ކަން ފެންނަން އޮތުމުންނެވެ.

އެހެންކަމުން އެ ކޮމިޝަނަށް އާންމު ފަރުދުން ހާޒިރުވެގެން ހޯދަން ޖެހޭ ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. މާދަމާއިން ފެށިގެން އެހެން ބައެއް އާންމު ހިދުމަތްތައް ފޯރުކޮށްދެމުން ދާނީ ކޮމިޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ.

މީގެ އިތުރުން ކޮމިޝަންގެ ރަސްމީ ގަޑިއަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމުގައި ވެސް ހަމަޖައްސާފައިވެ އެވެ.

އީސީގެ ބައެއް ހިދުމަތްތައް މެދުކަނޑާލަން ނިންމިއިރު، އިއްޔެ ވަނީ 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރެކޯޑް އަދަދާ ގުޅިގެން ހާސްކަން އިތުރުވެފައިވެ އެވެ. މިހާ ގިނަ އަދަދެއްގެ މީހުން އިއްޔެ ޕޮޒިޓިވްވިއިރު ފާއިތުވި ހަފުތާގެ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،164 އަށް އަރައިފަ އެވެ.

މިހާތަނަށް ޝިފާއެއް ފެނިފައި ނުވާ، މުޅި ދުނިޔޭގައި ވެސް ފެތުރެމުންދާ މި ބަލި އަނެެއްކާ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރެމުންދާތީ މިއީ ކޮވިޑްގެ ދެވަނަ ރާޅުގެ ގޮތުގައި ސިއްހީ ބައެއް މާހިރުން ސިފަކޮށްފައި ވެ އެވެ. މި ބަލީގައި ރާއްޖޭން މިހާތަނަށް ފަސް ބިދޭސީންނާއި 13 ދިވެހިން ހިމެނޭ ގޮތަށް 18 މީހަކު މަރުވެފައި ވެސް ވެ އެވެ.