ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރީތިރަށުން އަލާމާތް ފެނުނު ކުއްޖާގެ ނަތީޖާ ނެގެޓިވް

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ކަރަންޓީނުކޮށްފައިވަނީ ކުޑަ ކުއްޖެއްގެ ނަތީޖާ ނެގަޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެ ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އޭނާގެ ކަރަންޓީނުކޮށް ޓެސްޓްތައް ހެދި އެވެ. އަދި ރީތިރަށް ރިސޯޓް މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންކުރި އެވެ. ޓެސްޓްގެ ނަތީޖާ ނެގަޓިވްވެފައިވާތީ އަދި "ކޮންޓެކްޓް ޓްރޭސިން" ނިމުމާ ގުޅިގެން އެ ރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

ރީތިރަށުގެ އިތުރުން މިއަދު ވަނީ ވިލަމެންދޫގެ ލޮކްޑައުން ވެސް އުވާލާފަ އެވެ. އެ ރަށުން އަލާމާތްތައް ފެނިގެން ޓެސްޓްކުރި ދިވެހި މުވައްޒަފު ވެސް ވަނީ ކޮރޯނާ ވައިރަހަށް ނެގަޓިވްވެފަ އެވެ. ވިލަމެންދޫއިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނުނީ އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެއްގެ ފަރާތުންނެވެ. އޭނާ ވަނީ މިފަހުން ކުރެއްދޫ ރިސޯޓަށް ޗުއްޓީއަކަށް ގޮސްފަ އެވެ. އަލާމާތްތައް ފެނުނީ އޭގެ ފަހުންނެވެ.