ކޮލޮމްބޯ (މާޗް 11) - ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަހަށް ސްރީލަންކާގެ ރައްޔިތަކު ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.
މިއީ ކޮވިޑް-19 އަށް ލަންކާ ރައްޔިތަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އެ ވައިރަހަށް ޕޮޒިޓިވްވި 52 އަހަރުގެ މީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ މީހާއަށް ވައިރަސް ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުންކަމަށްވެސް ބުނެފައިވެ އެވެ.
އެ މީހާއަށް ކޮލޮމްބޯގެ ދެކުނުގައި ހުންނަ އިންފެޝްޝަސް ޑިޒީސަސް ހޮސްޕިޓަލުގައި ކަރަންޓީނުކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ލަންކާ ސަރުކާރުން މިހާރު ދަނީ އެ އިޓަލީ ޓޫރިސްޓު ގުރޫޕުން ޒިޔާރަތްކުރި ތަންތަނާއި، ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާ އިން ބޭރުވެގެން އެ ވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުންދަނީ އިޓަލީގަ އެވެ. އެ ގައުމުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން 631 ވަނީ މަރުވެފަ އެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށް މުޅި އިޓަލީ މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ކޮރޯނާވައިރަހަށް ލަންކާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ވޫހާން އިން އެ ގައުމަށް ދިޔަ ޗައިނާގެ އަންހެނެކެވެ. އެ މީހާ އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ވަނީ ދޫކޮށްލައިފަ އެވެ.