ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނޮވެމްބަރުގައި ލަންކާ ޓޫރިސްޓުންނަށް ހުޅުވާލަނީ

Sep 20, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 20) - ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ކޮޅަށް ޖެހުމަށްޓަކައި، އަންނަ ނޮވެމްބަރު މަހު އަވަށްޓެރި ސްރީލަންކާގެ އެއް އެއާޕޯޓު ހަމައެކަނި ފަތުރުވެރިންނަށް ހާއްސަކުރަން ތިން މިނިސްޓްރީ އެއް ގުޅިގެން ހުށަހަޅަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ބައިނަލްއަގުވާމީ ދެ އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާތަލޭ އެއާޕޯޓު ބަންދުކޮށްފައި ވަނީ މިދިއަ މާޗު މަހު އެވެ.

ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުތައް ބަންދު ކުރުމަށް ފަހު، އަލުން ހުޅުވާލަން ފުރަތަމަ ތާވަލުކުރީ މިދިއަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހަށެވެ. ނަމަވެސް، އޭގެ ކުރީ މަހު ކޮވިޑް-19 އިގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެއާޕޯޓް ހުޅުވުން މި މަހަށް ފަސްކުރީ އެވެ.

މިހާރު އެއާޕޯޓުތައް އަލުން ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ލަންކާގެ ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސެކްރެޓަރީ އެސް ހެއްޓިއަރާއްޗީ ވިދާޅުވީ، ޓޫރިޒަމް އަލުން ފެށުމުގެ ޕްލޭނަކަށް ޓޫރިޒަމާއި، ހެލްތު އަދި އޭވިއޭޝަން މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޕްލޭނުގެ ދަށުން، ތިން މިނިސްޓްރީން ހުއްދައަށް އެދޭނީ އެއް ފަހަރާ 10 އިން ފެށިގެން 100 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ގެނެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެއްޓިއަރާއްޗީ ވިދާޅުވި ގޮތުގައި ސަރުކާރުން ފުރަތަމަ އިސްކަންދޭނީ އެއް މަހާއި ތިން މަހުގެ މުއްދަތަށް ލަންކާއަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުންގެ އިތުރުން ފިނި މޫސުމުގައި އަންނަން ބޭނުންވާ އުމުރުން ދުވަސްވީ ފަތުރުވެރިންނަށް ކަމަށެވެ.

ނަމަވެސް، ކުރިން ރޭވިފައިވާ ގޮތަށް ލަންކާއަށް އެތެރެވާ ޓޫރިސްޓުން އެމީހުން ތިބޭ ހޮޓަލެއްގައި އެކަހެރިވެގެން ތިބެންޖެހޭ 14 ދުވަހުގެ މުއްދަތުގައި ތިން ފަހަރަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޓަލުން ބޭރަށް ނުކުމެ، އިތުރު ތަނަކަށް ދެވޭނީ ނަތީޖާ ލިބުމުން ކަމަށެވެ. އަދި ލަންކާއަށް އެތެރެވެވޭނީ ވެސް 72 ގަޑިއިރުނުވާ ކޮވިޑަށް ނެގެޓިވް ނަތީޖާއަކާ އެކު ކަމަށް ވެސް އިތުރަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ޓެސްޓު ހެދުންފަދަ ކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް، ޓޫރިސްޓުން އަތުން ކޮވިޑު ފީ އެއް ތައާރަފު ކުރުމަކީ ވެސް އެ ޕްލޭނުގެ ބައެއް ކަމަށެވެ.

އަދި ކޮވިޑް ފީ އަކާއެކު ކޮވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންގެ ސިއްހީ ހަރަދުތަކަށް އެކަމަށް ހާއްސަ އިންޝޫރަންސް ސްކީމެއް ތައާރަފުކުރުމަށްވެސް އެ ޕްލޭނުގައި ހިމަނާފައިވާކަމަށް ހެއްޓިއަރާއްޗީ ވިދާޅުވި އެވެ.

ކެބިނަޓަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ޕްލޭނުގައި، ބޭރުން އަންނަ ޓޫރިސްޓުނަށް މާތަލަ އިންޓަނޭޝަނަލް އެއާޕޯޓު ހާއްސަކުރަން ވަނީ ހިމަނައިފަ އެވެ.

"ޓޫރިޒަމް އިންޑަސްޓްރީ އަލުން ކޮޅަށް ޖެހުމަށްޓަކައި، ޓޫރިސްޓުން ގެނައުމުގެ މަރުހަލާ ފަށަށް އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ލަންކާގެ މައި ދެ އެއާޕޯޓު އަލުން ހުޅުވާލެވެންދެން ސަރަހައްދުގެ ބައެއް ގައުމުތަކުން އަންނަ ފްލައިޓުތައް ރަތުމަލާނަ އެއާޕޯޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން އަންނަ ފްލައިޓުތައް ހިމެނެ އެވެ.