ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޭޕްރީލާ ހަމައަށް ލަންކާ އެއާޕޯޓުތައް ނުހުޅުވާ ވާހަކަ ދޮގޮކޮށްފި

Sep 17, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 17) - އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އަވަށްޓެރި ސްރީލަންކާގެ އެއާޕޯޓުތައް ނުހުޅުވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ދޮގު ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ބައިނަލްއަގުވާމީ ދެ އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާތަލޭ އެއާޕޯޓު ބަންދުކޮށްފައި ވަނީ މިދިއަ މާޗު މަހު އެވެ.

ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުތައް ބަންދު ކުރުމަށް ފަހު، އަލުން ހުޅުވާލަން ފުރަތަމަ ތާވަލުކުރީ މިދިއަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހަށެވެ. ނަމަވެސް، އޭގެ ކުރީ މަހު ކޮވިޑް-19 އިގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެއާޕޯޓް ހުޅުވުން މި މަހަށް ފަސްކުރީ އެވެ.

މިހާރު އެއާޕޯޓުތައް އަލުން ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އެކަން އަންނަ އަހަރާ ހަމައަށް ދިގު ދެމިގެން ހިނގައިދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ލަންކާގެ ޓޫރިޒަމް މިނިސްޓްރީގެ ތަރުޖަމާނު ޕްރަދީޕު އަނުރަ ކުމާރަ ވިދާޅުވީ އެހާ ގިނަ ދުވަހަށް އެއާޕޯޓުތައް ނުހުޅުވާ ނުބާއްވާނެ ކަމަށެވެ. އަދި ކުރިއަށް ދެ ތިން މަހެއްގެ ތެރޭގައި ސިއްހީ އިދާރާތަކުގެ އިރުޝާދުގެ ދަށުން އެ ދެ އެއާޕޯޓު އަލުން ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމުގެ އިތުރުން، ބޭރުގެ އެކި ގައުމުތަކުގައި ތާށިވެފައި ތިބި ލަންކާ ރައްޔިތުން އަނބުރާ ގެންދިއުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ލަންކާގެ މައި ދެ އެއާޕޯޓު އަލުން ހުޅުވާލެވެންދެން ސަރަހައްދުގެ ބައެއް ގައުމުތަކުން އަންނަ ފްލައިޓުތައް ރަތުމަލާނަ އެއާޕޯޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން އަންނަ ފްލައިޓުތައް ހިމެނެ އެވެ.