ކޮލޮމްބޯ (އޮކްޓޯބަރު 5) - ސްރީލަންކާގެ 23 އަހަރުގެ ޒުވާނަކަށް ތިން ފަހަރު މަތިން ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަން (ޕީއެޗްއައި) އިން ބުނެފި އެވެ.
ޕީއެޗްއައިގެ ރައީސް އުޕުން ރޯހަނަ ވިދާޅުވި ގޮތުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ވަޒީފާ އަދާ ކުރާ އެ ޒުވާނާއަށް ފުރަތަމަ ފަހަރަށް ކޮވިޑު ޖެހިފައިވާކަން ހާމަވެފައި ވަނީ މިދިއަ އޯގަސްޓު މަހުގެ 18 ވަނަ ދުވަހު ލަންކާއަށް އެނބުރި ގޮސް ވެލިކަންޑަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އަދި ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ވަނީ ތެނަންކުރިޔާގައި އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް އައިސޮލޭޓުވެފަ އެވެ.
ނަމަވެސް، އޭނާގެ މަންމަ އާއެކު އައިސޮލޭޝަންގައި ހުއްޓައި، ބަލީގެ އަލާމާތްތައް ފެނިގެން އޭނާ ޗިލައު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. އަދި އެ ފަހަރު ހެދި ޕީސީއާރު ޓެސްޓުން އޭނާ ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ރޯހަނަ ވިދާޅުވި އެވެ.
އަދި ޕީއެޗްއައީގެ ބެލުމުގެ ދަށުން އެ ޒުވާނާ ދިރިއުޅޭ ގެ ރަނގަޅަށް ޑިސްއިންފެކްޓު ކުރުމަށްފަހު އައިސޮލޭޝަނަށް އޭނާ ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފަ އެވެ.
ނަމަވެސް، އައިސޮލޭޝަންގައި ގޭގައި ހުއްޓައި މި މަހުގެ ދެ ވަނަ ދުވަހު އަނެއްކާ ވެސް ބަލީގެ އަލާމާތްތައް ފެނިގެން އޭނާ ވަނީ ޗިލައު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ. އަދި އެންމެ ފަހުން ހެދި ޕީސީއާރު ޓެސްޓު ވެސް ޕޮޒިޓީވްވެ އޭނާއަށް ތިން ވަނަ ފަހަރަށް ކޮވިޑު ޖެހިފައިވާ ކަމަށް ރޯހަނަ ވަނީ ވިދާޅުވެފަ އެވެ.
ލަންކާގައި އެ ބަލި ކޮންޓްރޯލްވެފައި އޮތުމަށް ފަހު، އާ ކްލަސްޓާތައް އަނެއްކާވެސް ވަނީ ފެންނަން ފަށައިފަ އެވެ. އެގޮތުން، ގާމެންޓް ފެކްޓަރީއަކުން 150 އަށް ވުރެ ގިނަ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ލަންކާގައި އެ ބަލިޖެހުނު މީހުންގެ އަދަދު މިހާރު ގާތްގަނޑަކަށް 3،400 އަށް އަރާފައިވާއިރު 13 މީހަކު ވަނީ މަރުވެފަ އެވެ.