ހަބަރު

މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ގދ. މާވަރުލު އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މޯލްޑިވިއަންގެ ފްލައިޓް މާވަރުލު އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 11:11 ގަ އެވެ. މާވަރުލު އެއާޕޯޓަކީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަހަރުތެރޭގައި ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވި ފަސް އެއާޕޯޓުގެ ތެރެއިން އެއާޕޯޓެކެވެ.

ގދ. ގައްދޫ ކައިރީގައިވާ މާވަރުލުގައި އެއާޕޯޓެއް ހެދުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް ހިއްސާވާ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެމްޑީޕީގެ ސަރުކާރުން 10 ޖުލައި 2011ގައެވެ. މާވަރުލު އެއާޕޯޓްގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސަރުކާރުން މޫވިން އިންޓަނޭޝަނަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ރައީސް ޔާމިންގެ ސަރުކާރުން މި އެއާޕޯޓުގެ މަސައްކަތް އަލުން ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏަށް އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ތަފާތު އެކި އެކި ސަބަބުތަކާހެދި އެއާޕޯޓުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފަ އެވެ.

މާވަރުލު އެއާޕޯޓާ ގުޅިފައިވާ އެއަތޮޅުގެ އެތަށް ރައްޔިތުންނެއް ވަނީ އެއާޕޯޓުގެ މަސައްކަތް ދިގުލައިގެން ދިޔުމުގެ ސަބަބުން ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެމްޓީސީސީން ބުނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅި ތާރީހަށްވުރެންވެސް އަވަހަށް ކަމަށެވެ.

މިއަދު މާވަރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވާއިރު މިއީ އެ އެއާޕޯޓާއި ގުޅިފައިވާ ރައްޔިތުންތަކެއްގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ރައްޔިތުން ބުނަމުންދެ އެވެ. މާވަރުލު އެއާޕޯޓާއެކު ހުވަދު އަތޮޅުގައި މިހާރު ތިން އެއާޕޯޓު އޮވެ އެވެ. އެއީ ގދ. ކާޑެއްދޫގެ އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓެވެ.