ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާ އިން އައި ދިވެއްސަކު ވެސް ކަރަންޓީނަށް

Mar 11, 2020
1

ކޮރޯނާ ވައިރަހާ ގުޅިގެން އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން މިއަދު ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން އަންނަ ދިވެހިން މޮނީޓާ ކުރުމުގެ ގޮތުން 14 ދުވަހު ކަރަންޓީނުގައި ބެހެއްޓުމެވެ. އެގޮތުން މިއަދު ހެނދުނު ޗައިނާ އިން ރާއްޖެ އައި ދިވެއްސަކު އެ އުސޫލުގެ ދަށުން ކަރަންޓީން ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޗައިނާ އަށް ފަހު ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރޭ އިޓަލީން އައި ދެ މީހަކު ވެސް މިއަދު ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭގެ އިތުރުން، އިރާނާއި ބަންގްލަދޭޝާއި ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން މީހުން އައުން ރާއްޖޭން ވަނީ މަނާކޮށްފަ އެވެ.

ރާއްޖެއަށް އެ ބަލި ފެތުރިފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެ ރިސޯޓްގެ ހަތަރު މީހަކު މިހާތަނަށް ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ކުރަމަތި ރިސޯޓުގައި ތިބި ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އަށަކަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.