ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސްކުރަން ޖެހިއްޖެނަމަ އިދިކޮޅުގެ ތާއީދު ލިބޭނެ: އަދުރޭ

Mar 11, 2020
3

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވުމާ ގުޅިގެން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަންޖެހޭ ހާލަތެއްގައި، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ތާއީދު ލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވޭ އިންތިހާބު ފަސްކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިރަހާ ގުޅިގެން އިންތިހާބު ފަސްކުރަންޖެހޭ ހާލަތަކަށް ގޮސްފައިވާކަމަށް ސަރުކާރަކުން އަދި މިހާތަނަށް ބުނެފައިނުވާ ކަމަށެވެ.

ނަމަވެސް، ރާއްޖެ އެފަދަ ހާލަތަކަށް ހިނގައްޖެނަމަ، އިންތިހާބު ފަސްކުރަން ޕީޕީއެމް އަދި ޕީއެންސީން ތާއީދު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭނީ، ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް،" ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އިތުރަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބުނެފަ އެވެ.

ނަމަވެސް، އިންތިހާބު ފަސްކުރަން ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން ބޭނުމެއްނުވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އިތުރުވެފައިވާއިރު، ގިނަ މީހުން އެއްކޮށްގެން އެއްވުންތައް ނުބޭއްވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައި އިންތިހާބު ފަސްކުރުމާ ދެކޮޅަށް އެމްޑީޕީން ވަކާލާތު ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، އިންތިހާބެއް ފަސްކުރެވޭނީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް އެއްބަސްވެވޭ ގޮތެއްގެ މަތީން ކަމަށެވެ.

ނަމަވެސް، ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް އެ ބަލި ފެތުރިފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެ ރިސޯޓްގެ ހަތަރު މީހަކު މިހާތަނަށް ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ކުރަމަތި ރިސޯޓުގައި ތިބި ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އަށަކަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.