ހަބަރު

ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރާ މެންބަރުން އެމްޑީޕީން ވަކިކޮށްފި

Mar 11, 2020
1

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ މީހުން އެ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދީފައިވާ ކެންޑިޑޭޓުން ތިއްބާ، ޕާޓީގެ މެންބަރުންގެ ގޮތުގައި ހުރެގެން އިންތިހާބުތަކުގައި އަމިއްލަ ގޮތުން ވާދަކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. އަދި އެގޮތަށް ވާދަކުރާ މީހުން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމައި، އެ ޕާޓީގެ މެންބަރުންގެ ދަފުތަރުން އުނިކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެގޮތުން އެޕާޓީން ވަނީ ވަކިކުރަން ނިންމި 38 މީހެއްގެ ނަންތައް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ އެމްޑީޕީން 876 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. "ރަށްވެހި ފަތިސް"ގެ ނަމުގައި އެމްޑީޕީގެ ކެމްޕެއިން ފަށާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ވަނީ އަތޮޅު ތެރެއަށް ދަތުރުތައް ކުރައްވައިފަ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން އެމްޑީޕީގެ ކެމްޕޭނު ވަނީ މަޑުޖައްސާލައިފަ އެވެ.