ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝުން އައި ދިވެއްސަކު ކަރަންޓީނަށް

Mar 11, 2020

ކޮރޯނާ ވައިރަހާ ގުޅިގެން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ބަންގްލަދޭޝްއިން އައި ދިވެއްސަކު ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ބަންގްލަދޭޝްގައި ހުރި ދިވެއްސަކު ރާއްޖެ އައީ ސްރީލަންކާއަށް ދިޔުމަށްފަހުގައި ކަމަށެވެ. ނަމަވެސް އޭނާ ލަންކާގައި 14 ދުވަސް މަޑުކޮށްފައިނުވާތީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ކަރަންޓީނު ކުރުމަށްޓަކައި ވިލިވަރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން އަންނަ ދިވެހިން މޮނީޓާ ކުރުމުގެ ގޮތުން 14 ދުވަހު ކަރަންޓީނުގައި ބެހެއްޓުމެވެ. އެގޮތުން މިއަދު ހެނދުނު ޗައިނާ އިން ރާއްޖެ އައި ދިވެއްސެއްގެ އިތުރުން އިޓަލީން އައި ދެ ދިވެއްސަކުވެސް ވަނީ އެ އުސޫލުގެ ދަށުން ކަރަންޓީނުކޮށްފަ އެވެ.

އެ ތިން ގައުމުގެ އިތުރުން، ދެން މީހުން އައުން މަނާކޮށްފައިވަނީ އިރާނުގެ އިތުރުން ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުންނެވެ.

އެންމެ ފަހުގެ މައުލޫމާތު

  • ފަރުކޮޅުފުށި އައިސޮލޭޝަން: 16 މީހުން
  • ވިލިވަރު ކަރަންޓީނު: 13 މީހުން

ބަންގްލަދޭޝްގައި ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބް ކަަރަންޓީނު ކުރުމަށްޓަކައި މާދަމާ ހެނދުނުގެ ވަގުތެއްގައި ސްރީލަންކާއަށް ގެންދެވޭނެ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ. ނަމަވެސް، ބަންގްލަދޭޝްގައި މިހާރު ތިބި ދިވެހިން ރާއްޖެ ގެނައުމުގެ އިންތިޒާމެއް އަދި ހަމަޖެހިފައިނެތް ކަމަށާއި އެކަމަށް ސަރުކާރާއި އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން މަސައްކަތް ކުރަމުންދާކަމުގައި އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އެ ބަލި ފެތުރިފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެ ރިސޯޓްގެ ހަތަރު މީހަކު މިހާތަނަށް ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ކުރަމަތި ރިސޯޓުގައި ތިބި ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އަށަކަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.