ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާއަށްދާ ދިވެހިންނަށް ވިސާ ލިބޭނެ: ފޮރިން މިނިސްޓްރީ

Mar 11, 2020

ސްރީ ލަންކާއަށްދާ ދިވެހިންނަށް މިހާރުވެސް ވިސާ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަހަށް ސްރީލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ގައުމުން އޮން އެރައިވަލް ވިސާ ދޫކުރާ ސްކީމް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު އަވަސް އަށް ވިދާޅުވީ، ލަންކާ ސަރުކާރުން މެދުކަނޑާލާފައިވަނީ ލަންކާއަށް އެތެރެވުމުގެ ކުރިން ވިސާ ނަގަންޖެހޭ ސްކީމް ކަމަށެވެ. ނަމަވެސް، ދިވެހިން ލަންކާއަށް ދިޔުމާއެކު ވިސާ ލިބޭ އުސޫލަށް އޭގެން އަސަރެއް ނުކުރާނެކަމަށް މިއުވާން ވިދާޅުވި އެވެ.

"ދިވެހިން ލަންކާއަށް ދިޔުމާއެކު ހިލޭ ވިސާ ލިބޭ ގޮތަށް މި އޮންނަނީ. ދިވެހިން ނުޖެހޭ ލަންކާއަށް ގޮސް ވިސާ ނަގާކަށް. ލަންކާ އިން މެދުކަނޑާލައިގެން އެގޮތަށް ވިސާ ނަގަންޖެހޭ ގައުމުތަކުގެ ރައްޔިތުންނަށް،" މިއުވާން އިތުރަށް ވިދާޅުވި އެވެ.

އެ ވައިރަހަށް ޕޮޒިޓިވްވި 52 އަހަރުގެ މީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ މީހާއަށް ވައިރަސް ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުންކަމަށްވެސް ބުނެފައިވެ އެވެ.

އެ މީހާއަށް ކޮލޮމްބޯގެ ދެކުނުގައި ހުންނަ އިންފެޝްޝަސް ޑިޒީސަސް ހޮސްޕިޓަލުގައި ކަރަންޓީނުކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. މިއީ ކޮވިޑް-19 އަށް ލަންކާ ރައްޔިތަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ލަންކާ ސަރުކާރުން މިހާރު ދަނީ އެ އިޓަލީ ޓޫރިސްޓު ގުރޫޕުން ޒިޔާރަތްކުރި ތަންތަނާއި، ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާ އިން ބޭރުވެގެން އެ ވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުންދަނީ އިޓަލީގަ އެވެ. އެ ގައުމުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން 631 ވަނީ މަރުވެފަ އެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށް މުޅި އިޓަލީ މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ކޮރޯނާވައިރަހަށް ލަންކާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ވޫހާން އިން އެ ގައުމަށް ދިޔަ ޗައިނާގެ އަންހެނެކެވެ. އެ މީހާ އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ވަނީ ދޫކޮށްލައިފަ އެވެ.