ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާވައިރަސް ޓެސްޓް ކުރަން ވޮލަންޓިއަރުން ހޯދަނީ

ދުނިޔޭގެ އެތައް ގައުމެއްގެ އެތައް ބަޔަކު ކޮރޯނާވައިރަސް އަށް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ވަމުން ދެއެވެ. މިހާތަނަށް މި ބަލީގައި 4000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ލައްކައަކަށް ވުރެ ގިނަ މީހުން ފުރާނައަށް ނުރައްކާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ސައިންސްވެރިން މިހާރު ގެންދަނީ މި ބައްޔަށް ވެކްސިން އާއި ފަރުވާ ހޯދުމުގެ މަސައްކަތް ރެއާ ދުވާލު ހޭބޯނާރާ ކުރަމުންނެވެ. އެގޮތުން ލަންޑަންގެ ސައިންސްވެރިންގެ ޓީމަކުން މިހާރު ވަނީ ފައިސާ ދީގެން ކޮރޯނާވައިރަސް ޖައްސަން ބޭނުންވާ ވޮލަންޓިއަރުން ހޯދަން އިއުލާން ކޮށްފަ އެވެ. މީގެން ކޮންމެ ވޮލަންޓިއަރަކަށް 3500 ޕައުންޑް ދޭނެ ކަމަށް ވެސް މި އިއުލާންގައި ބުނެފައި ވެއެވެ.

މި މީހުން ވައިރަސް އިން އިންފެކްޓް ވުމުން އެކްސްޕެރިމެންޓް ހަދައިގެން ވެކްސިން ތައްޔާރު ކުރަން މަސައްކަތް ކުރަން ސައިންސްވެރިން ރާވާފައިވާ ކަމަށް އިނގިރޭސި ވިލާތު ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.
ލަންޑަންގެ ކުއީން މޭރީ ބައޮއެންޓަޕްރައިޒަސް އިނޮވޭޝަން ސެންޓަރުން މި ސްޓަޑީއަށް ރެކްރޫޓް ކުރަން ހަމަޖެހިފައި ވަނީ 24 ވޮލަންޓިއަރުންނެވެ.

މި ވޮލަންޓިއަރުންގެ ގަޔަށް ވަރަށް ބާރު ދެރަ ދެ ސްޓްރެއިން އެއްގެ ވައިރަސް އިންޖެކްޓް ކުރުމުން ކޮރޯނާވައިރަސް ޖެހޭ މީހުންގެ ނޭވާލުމުގެ ނިޒާމަށް ދިމާވާ ގޮތްތަކެއް ދިމާވާނެ އެވެ. ދެން މި މީހުންނަށް އެޗްވީވޯ އިން ތައްޔާރު ކޮށްފައިވާ އިންޖެކްޝަން ޖަހައިގެން ޓެސްޓް ކުރާނެ އެވެ. މި މީހުން ދެ ހަފުތާ ވަންދެން ކަރަންޓީނު ކޮށްފައި ބައިތިއްބައިގެން އިންޖެކްޝަންގެ އަސަރު ކުރާ ގޮތް ސައިންސްވެރިން މޮނިޓާ ކުރަމުން ގެންދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިތުރު 35 ބަޔަކުވެސް ވެކްސިން އެއް ތައްޔާރު ކުރުމުގެ މަސައްކަތް އެބަކުރެ އެވެ. ކޮރޯނާވައިރަސް އަށް ފަރުވާއެއް ހޯދާ ސައިންސްވެރިންނަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ 46 މިލިއަން ޕައުންޑް ދޭން ވައުދުވެފަ އެވެ.

މި ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިޔަށް ދިޔަ ނަމަވެސް ތަޖުރިބާކާރުން ލަފާ ކުރަނީ ވެކްސިނެއް ތައްޔާރު ކުރެވި އިންސާނުންނަށް ދެވޭ ވަރު ވާނީ އަދި ވަރަށް ގިނަ ދުވަހުން ކަމަށެވެ. އަދި މިހާރު މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނެތެވެ.