ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހާލުކޮޅު ދެރަވެ، އިނގިރޭސި ބޮޑުވަޒީރު އައިސީޔޫއަށް

Apr 7, 2020
1

ލަންޑަން (އޭޕްރީލް 7) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލުކޮޅު ދެރަވެގެން، އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނި ގޮތުގައި، ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީ، ބޮރިސް ޖޯންސަން ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރެގަނޑުގެ ވަގުތެއްގަ އެވެ. ނަމަވެސް، ރޭ އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ދެރަވެ، ޑޮކްޓަރުންގެ ލަފާގެ މަތީން، އައިސީޔޫއަށް ބަދަލު ކުރެވިފައިވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފަ އެވެ.

އަދި މި ވަގުތަށް ކޮންމެހެން ބޭނުންޖެހޭ ހާލަތެއްގައި، ސަރުކާރު ހިންގުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވުމަށް ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބަށް އަންގާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ބޮރިސް ޖޯންސަންގެ ސިއްހީ ހާލަތާގުޅޭ މައުލޫމާތު އިނގިރޭސި ރާނީ އެލިޒަބަތާ ހިއްސާ ކުރެވެމުންދާ ކަމަށް ޝާހީ ގަނޑުވަރުން ވެސް ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، ބޮރިސް ޖޯންސަން މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެނެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބޮރިސް ޖޯންސަންގެ ހަށިގަނޑުގައި އޮކްސިޖަން ނުހިފަހައްޓާތީ، އެމަނިކުފާނަށް ވަނީ އޮކްސިޖަން ދޭންޖެހިފަ އެވެ. އަދި ހާލުކޮޅު އިތުރަށް ގޯސްވެއްޖެނަމަ، އެމަނިކުފާނު ވެންޓިލޭޓަރަށް ލާންޖެހިދާނެކަމަށް ވެސް ބުނެފައިވެ އެވެ.

ޔޫކޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 51،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 5،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބޮރިސް ޖޯންސަންގެ އިތުރުން، އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.