ލަންޑަން (މާޗް 29) - ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރާއެކު، ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮންމެ ގެއަކަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
އޭގެ އިތުރުން، ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިދާނެ ކަމަށް ވެސް ވައިރަހަށް ޕޮޒިޓިވްވެ، ގެކޮޅުގައި އެކަހެރި ވެގެން ހުންނެވި، ބޮރިސް ޖޯންސަންގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ބޮޑުވަޒީރުގެ ސިޓީފުޅަކާއެކު، ސިއްހީ މައުލޫމާތާއި، މިހާރު އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް، އިނގިރޭސި ވިލާތުގެ ކޮންމެ ގެއަކަށް ސަރުކާރުގެ ލީފްލެޓެއް ވެސް ފޮނުވައިފައި ވެއެވެ.
ބައްޔާ ގުޅޭ އެކަށީގެންވާ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާއިރު އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 1،019 އަށް ވަނީ އަރައިފަ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު 5.8 މިލިއަން ޕައުންޑު ހަރަދު ކޮށްގެން، ކޮންމެ ގޭބީސީއަކަށް ބޮރިސް ޖޯންސަން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ބަލިމަޑުކަމާ ގުޅިގެން ރަނގަޅު ދަނޑިވަޅުގައި، އެންމެ އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންގޮސްފައިވާ ކަމަށެވެ.
"ސިއްހީ މާހިރުންގެ ލަފާގެ މަތިން، އިތުރު ފިޔަވަޅުތައް ވެސް ވަގުތުން ވަގުތަށް އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން،" 30 މިލިއަނަށް ވުރެ ގިނަ ގޭބީސީއަށް ބޮރިސް ޖޯންސަން ފޮނުއްވި ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވެ އެވެ.
ވައިރަސް ފެތުރުން ހުއްޓުވުމަށް އާއްމު އެއްވުންތައް މަނާ ކުރުމުގެ އިތުރުން، ޒަރޫރީ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދޭ ފިހަރާތައް ފިޔަވައި އެހެން ހުރިހާ ތަންތަނެއް މިދިޔަ ހަފްތާއިން ފެށިގެން އިނގިރޭސި ވިލާތުގައި ވަނީ ބަންދުކޮށްފަ އެވެ.
މުޅި ދުނިޔޭގައި މަޑުޖެހުމެއްނެތި ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 660،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ބަލީގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.