ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދޮޅުގަޑިއިރު ތެރޭގައި ކޮވިޑުގެ ނަތީޖާ ލިބޭ ކިޓެއް

Aug 3, 2020

ލަންޑަން (އޯގަސްޓް 3) - އަންނަ ހަފްތާއިން ފެށިގެން 90 މިނެއްޓުގެ ތެރޭގައި ކޮވިޑް-19 އިގެ ނަތީޖާ ލިބޭ ޓެސްޓު ކިޓުތަކެއް ހޮސްޕިޓަލުތަކުގައި ބޭނުންކުރަން އިނގިރޭސި ވިލާތުން ތައްޔާރުވެއްޖެ އެވެ.

ގާތްގަނޑަކަށް ވަގުތުން ނަތީޖާ ލިބޭ މި ކިޓުތަކުގެ ސަބަބުން، ކޮވިޑާއި އެފަދަ އެހެން ބަލިތަކުގެ ފަރަގު ދެނަގަންނަން ސިއްހީ މާހިރުންނަށް ފަސޭހަ ވެގެންދާނެކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވަނީ ވިދާޅުވެފަ އެވެ.

އަދި ކުރިއަށްއޮތް ފިނި މޫސުމުގައި މިއީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި ވެސް ހެންކޮކް ވިދާޅުވި އެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑަށް ޓެސްޓުކުރަން ބޭނުންކުރާ ގިނަ ކިޓުތަކުގެ ނަތީޖާ ލިބެން 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެ އެވެ.

ހެންކޮކު ވިދާޅުވީ ޑީއެންއޭ ބޭނުންކޮށްގެންކުރާ 5.8 މިލިއަން ކިޓާއި ސްވޮބު ބޭނުންކޮށްގެން ކުރާ 450،000 ކިޓު ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ އިދާރާތަކަށް ފޮނުވާނެ ކަމަށެވެ.

އެ ކިޓުތައް ތައާރަފުކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގައި ތަހުލީލުކުރާ މިންވަރު އިތުރުކޮށް، ނަތީޖާތައް އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުއިކޮށް ކޮވިޑް-19 ފެތުރޭ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުގައި 304،695 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އެ ބަލީގައި މިހާތަނަށް 28،445 މީހުންވަނީ މަރުވެފަ އެވެ.