މެލޭޝިއާއިން އައި ދިވެއްސެއްގެ ގައިން ކޮރޯނާ ވައިިރަހުގެ އަލާމާތްތައް ފެންނާތީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް އެ މީހާ ގެންގޮސް އެކަހެރިކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު މެލޭޝިއާއިން ރާއްޖެ އައި ދިވެހި މީހާގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށާއި އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
މެލޭޝިއާއިން ވަނީ ކޮރޯނާ ވައިރަހުގެ ކޭސްތަކެއް ފެނިފަ އެވެ. އަދި އެ ގައުމުން ދަނީ ރައްކާތެރިވުމަށް ފިޔަވަޅުތައް ވެސް އަޅަމުންނެވެ.
ރާއްޖެއިން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ރާއްޖެއަށް އައުން މަނާ ކޮށްފައިވާ ގައުމަކުން ދިވެއްސަކު އަންނަ ނަމަ އަލާމާތްތައް ނުފެނު ނަމަވެސް 14 ދުވަހަށް ކަރަންޓީނު ކުރުމެވެ.
އެގޮތުން އިޓަލީއިން އައި ދެ ދިވެއްސަކާއި ޗައިނާއިން އައި ދިވެއްސަކު އިއްޔެ ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ދެ ގައުމުން ވެސް ރާއްޖެއަށް މީހުން އެތެރެވުން މަނާ ކޮށްފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެތުރެން ފެށި، ކޮރޯނާ ވައިރަސް މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. އެގޮތުން، މުޅި ދުނިޔޭގައި އެ ބަލި 118،000 މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 4،200 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.