ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާއަށް ޔޫރަޕުން މީހުން އެތެރެވުން މަނާކޮށްފި

Mar 12, 2020

ވޮޝިންގްޓަން (މާޗް 12) - އެމެރިކާގައި ވެސް ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރުމަށް، ޔޫރަޕުގެ ގައުމުތަކުން މީހުން އެތެރެވުން އެ ގައުމުން މަނާކޮށްފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވިދާޅުވީ ޔޫރަޕުގެ 26 ގައުމަކުން ކުރިއަށް 30 ދުވަހަށް މީހުން އެތެރެވުން މަނާކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އެ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި މިހާތަނަށް 460 ކޭސް ފެނިފައިވާ އިނގިރޭސި ވިލާތް ނުހިމެނޭކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގައި ކޮވިޑް-19 ގެ ނަން ދީފައިވާ އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 1،135 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 38 މީހުން ވަނީ މަރުވެފަ އެވެ.

ހުކުރު ދުވަހު ދަންވަރު 12:00 އިން ޔޫރަޕަށް އަޅާ ފިޔަވަޅުގެ ތެރޭގައި އެމެރިކާ ރައްޔިތުންވެސް ނުހިމެނޭކަމަށް ޓަރަމްޕް އިތުރަށް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން އެ ފިޔަވަޅު އަޅަންޖެހުނީ، ވައިރަހާ ދެކޮޅަށް އެމެރިކާއާ އެއްވަރަށް ޔޫރަޕުން ފިޔަވަޅު އެޅިފައިނުވާތީ ކަމަށެވެ.

އެމެރިކާއިން ޔޫރަޕުން މީހުން އެތެރެވުން މަނާކޮށްފައިވަނީ، ޗައިނާ އިން ބޭރުން އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީން ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވަނިކޮށެވެ.

މިހާރުވެސް މުޅި އިޓަލީ ކަރަންޓީނުކޮށްފައިވާއިރު، އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 12،000 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 827 މީހުން މިހާތަނަށް މަރުވެފައިވާއިރު، އިޓަލީ ސަރުކާރުން ވަނީ ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ފާމަސީތައް ފިޔަވައި، އެހެން ހުރިހާ ބަންދުކުރަން އަންގައިފަ އެވެ.

އިޓަލީގައި އެ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 900 އަށް ވުރެ ގިނަ މީހުން ތިބީ އައިސީޔޫގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އާ ކޮރޯނާ ވައިރަސް، ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެތުރެންފެށި، އާ ކޮރޯނާ ވައިރަސް މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. އެގޮތުން، މުޅި ދުނިޔޭގައި އެ ބަލި 118،000 މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 4،200 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ޗައިނާގައި މިހާރު އެ ބަލި ފެތުރުން ވަރަށް ބޮޑުތަނުން ހުއްޓުވިފައިވީ ނަމަވެސް، ހާއްސަކޮށް ޔޫރަޕުގެ ގިނަ ގައުމުތަކަށް އެ ވައިރަސް މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

މެދު އިރުމަތީގައި ވެސް އެ ބަލި ފެތުރޭ މިންވަރު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. އެގޮތުން، ގަތަރުގައި އެއް ދުވަހުގެ ތެރޭގައި 238 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.