މިދިޔަ މަހު 28 އިން މާޗު 1 އާ ދެމެދު މެލޭޝިއާގެ ކުއަލަލަންޕޫރުގައި ހުރި މިސްކިތަކަށް ދިޔަ މީހުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތުމުން އެ މިސްކިތަށް ދިޔަ ދިވެހިން ކަމާބެހޭ އިދާރާތަކަށް އަންގަން އެދެފި އެވެ.
މެލޭޝިޔާގެ ޑިރެކްޓާ ޖެނަރަލް އޮފް ހެލްތު އިއްޔެ ކުރި ޓުވީޓެއްްގައި ވިދާޅުވީ ކުއަލަލަންޕޫރުގައި ހުރި ސެރީ ޕެޓަލިން މިސްކިތުގައި ފެބްރުއަރީ 28 އިން ފެށިގެން 1 މާޗްއާ ހަމަޔަަށް ކުރިޔަށް ގެންދިޔަ ދީނީ އެއްވުމެއްގައި ބައިވެރިވި މީހުން ހެލްތު އޮފިޝަލުންނަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މިސްކިތައް ގޮސް ނުވަތަ އެ ހަރަކާތުގައި ބައިވެރިވި މީހުން ހޮޓްލައިން ނަމްބަރަށް ގުޅުމަށް އެދޭ ކަމަށާއި މިހާރު ރާއްޖޭގައި ހުރި ނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.
މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އިރު ސެރީ ޕެޓަލިންއަކީ ބައެއް ދިވެހިން ގޮސް އުޅޭ މިސްކިތަކެެވެ. އެ ގައުމުގައި މިހާތަނަށް 140 އަށް ވުރެ ގިނަަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.