މެލޭޝިއާގައި ހުރި ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން ކޮވިޑް-19އާ ގުޅޭގޮތުން މިއަދު އާއްމުކުރި މައުލޫމާތަށް ބަލާއިރު، މެލޭ ނޫން އެހެން ގައުމުތަކުން 416 މީހަކު އެ ވަރަހަށް ޕޮޒިޓިވްވެފައިވާކަމަށް ބުނެފައިވެ އެވެ.
އޭގެ ތެރޭގައި ދިވެއްސަކު ޕޮޒިޓިވްވެފައިވާކަމަށް ވަނީ ބުނެފަ އެވެ. އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދިވެއްސަކު ޕޮސިޓިވްވިކަމެއް އަދި ރަސްމީކޮށް އަންގާފައިނުވާކަމަށާއި، އެކަން ޔަގީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެލޭޝިއާގައި ހުރި ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ، އެގައުމުގައި ތިބި ދިވެހިންގެ ތެރެއިން 197 މީހަކު ރާއްޖެ އިއްޔެ ވަނީ ގެނެސްދީފައި ވަނިކޮށެވެ.
އެ މީހުން މިހާރު ތިބީ ކަރަންޓީނުގަ އެވެ.
މީގެ ކުރިން މޯލްޑިވިއަންއިން ވަނީ އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން 200 މީހަކު ގެނެސްފަ އެވެ. އަދި ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު ވެސް ގެނެސްދިނެވެ.
މޯލްޑިވިއަންއިން ވަނީ އަދިވެސް އިންޑިއާ، ލަންކާ އަދި މެލޭޝިޔާއަށް ދަތުރުތަކެއް ކުރުމަށް ނިންމާފަ އެވެ. އަދި އެނޫން ގައުމުތަކުގައި ތިބި ދިވެހިން ވެސް ރާއްޖެ ގެނެވެންދެން ނުވަތަ އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގެއް ފެންނަން ދެން ދިވެހިން ގެނައުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.