ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮންމެހެން އިންޑިއާ ދާންޖެހޭ ދިވެހިންނަށް ވިސާ ދެނީ

Mar 12, 2020
1

ކޮރޯނާ ވައިރަހާ ގުޅިގެން އިންޑިއާއިން ޓޫރިސްޓު ވިސާ ދިނުން ހުއްޓާލާފައިވީ ނަމަވެސް، ކޮންމެހެން ދާންޖެހިގެން އިންޑިއާއަށް ދާން ބޭނުންވާ ދިވެހީންނަށް ވިސާ ދޭނެ ހާއްސަ އިންތިޒާމެއް އިންޑިއާ ސަރުކާރުން ހަމަޖައްސައި ދީފި އެވެ.

އިންޑިއާގައި ވަރަށް ހަލުއި މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުންދިޔުމާ ގުޅިގެން، މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެއްވެސް ގައުމަކުންދާ މީހަކަށް ޓޫރިސްޓު ވިސާ ނުދޭން އެ ގައުމުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ގަބޫލު ކުރެވޭ ސަބަބަކާ ގުޅިގެން ކޮންމެހެން އިންޑިއާއަށްދާން ބޭނުންވާ ދިވެހީންނަށް ހައްސަ އިންތިޒާމެއްގެ ތެރެއިން އިންޑިއާއަށް ދެވެނޭ ދޮރު ވަނީ ހުޅުވައިދީފަ އެވެ.

އެފަދަ ފަރާތްތަކުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ހުށަހަޅަން ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން، މީގެ ކުރިން ވިސާ ދޫކޮށް، ނަމަވެސް އަދި އިންޑިއާއަށް ދަތުރުކޮށްފައި ނުވާ ދިވެހީން ވެސް އަލުން ވީސާ ވެލިޑޭޓް ކުރަންޖެހޭނެ ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަދި އިންޑިއާގައި މިވަގުތު ތިބި ދިވެހީންނަށް، ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެގްރީމަންޓުގެ ދަށުން ތިބެވޭނެކަމަށްވެސް ބުނެފައިވެ އެވެ.

ދިވެހީންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާއަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ހާއްސަ އިންތިޒާމުގެ ތެރެއިން ވިސާ ދޫކުރަން އިންޑިއާއިން ވިސްނާފައިވަނީ، ބޭސްފަރުވާއަށްދާ ދިވެހިންގެ އިތުރުން އެގައުމުގައި ތައުލީމް ހާސިލުކުރަމުންދާ ދިވެހި ކިޔަވާ ކުދީންނަށް ކަމަށެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ.