އިންސާނުންގެ ގައިން ފެތުރޭ ނުރައްކާތެރި ބަލިތަކާ ގުޅިގެން، މީހުން ކަރަންޓީން ކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން އެ މީހުންނަށް އަންގާ އެންގުންތަކަށް ތަބާނުވާ ނަމަ، އެކަން ކުރުވުމަށް ކޯޓު އަމުރު ނެރުމުގެ އުސޫލެއް ސިވިލް ކޯޓުން އާންމުކޮށްފި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީން ކުރުން ވެސް ހިމެނެ އެވެ. އަދި އެކަމަށް އެ މީހަކު ދެކޮޅު ހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
އެ ގާނޫނުގެ ދަށުން ސިވިލް ކޯޓުން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމުން މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމެއް ނެތި ވެސް އެދިފައިވާ އަމުރު ނެރެވިދާނެ އެވެ. އަދި އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ނަމަ އެކަމަށް ލިޔުމުން އެދެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އެ އުސޫލު ބުނާ ގޮތުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅަން އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި އެފަދަ މައްސަލަތައް އެއްވެސް ފީއެއް ނެގުމެއް ނެތި ރަޖިސްޓްރީ ވެސް ކޮށްދޭނެ އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ސިވިލް ކޯޓުން ނެެރޭ އަމުރުގެ ދަށުން މީހުން ހޯދައި، ހައްޔަރު ކުރުމާއި ކަމާބެހޭ އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ މީހަކާ މެދު އަމަލު ކުރެވޭނެ އެވެ. އަދި އެކަމަށް ފުލުހުންގެ އެހީތެރިކަން ވެސް ހޯދިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ކޯޓު އަމުރު ނެރުމުގެ މިފަދަ އުސޫލެއް އާއްމުކޮށްފައިމިވަނީ، ދުނިޔޭގައި ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވަނިކޮށެވެ.
އެގޮތުން، ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ. އޭގެ އިތުރުން ކުރަމަތި ރިސޯޓުންވެސް ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއްޔެ ވަނީ ބުނެފަ އެވެ.
އެއާއެކު، ހާއްސަކޮށް ބަލި ފެތުރެމުންދާ ގައުމުތަކުން އަންނަ ދިވެހިން ގޭގައި އެކަހެރިކޮށް ތިބުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އަންގަމުންނެވެ. އެގޮތުން، އުމްރާގެ އަޅުކަމަށްފަހު އިއްޔެ ރާއްޖެ އައި ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ 50 މީހުން ގޭގައި އެކަހެރިކޮށް ތިބުމަށް ވަނީ އަންގައިފަ އެވެ. ނަމަވެސް، އެފަދަ މީހުން ބޭރަށް ނިކުމެ އުޅެފާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ގޭގައި އެކަހެރިކުރާ މީހުން ބޭރު ތެރެއަށް ނުކުމެ އުޅޭތޯ ފުލުހުން ބަލަމުންދާ ކަމަށެވެ.