ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދުނިޔެއަށް ބަލިމަޑުކަމެއްގެ ދަރަޖަ ދިނުމާއެކު އިތުރު ފިޔަވަޅު އަޅަން މަޝްވަރާކޮށްފި

Mar 12, 2020

ކޮވިޑް-19 އަކީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އިއުލާނުކުރުމާ ގުޅިގެން ރާއްޖޭން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލާޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ހާލަތު އޮރެންޖް އެލަރޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެގޮތާއި، އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދެކެވުނު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ. އޭގެ އިތުރުން ކުރަމަތި ރިސޯޓުންވެސް ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއްޔެ ވަނީ ބުނެފަ އެވެ.

ވައިރަސް އިތުރަށް ފެތުރުނުނަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ހަފްތާއަކަށް ސްކޫލުތައް ބަންދުކުރަން ނިންމާފައިވާއިރު، މީހުން ގިނަކޮށް އެކި އެއްވުންތަކާއި ޖަލްސާތައްވެސް ދަނީ ކެންސަލް ކުރަމުންނެވެ.