ހަބަރު

މާމިގިއްޔާއި މިލަންދޫގެ މަގު ހަދަން އާރްޑީސީއަށް

އދ. މާމިގިއްޔާއި ށ. މިލަންދޫގެ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފި އެވެ.

މި ދެ ރަށުގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައިބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އެވެ.

އެއްބަސްވުމުގެ ދަށުން މިލަންދޫގެ އަށް މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދާނެ އެވެ. އާރްޑީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1.6 މިލިއަން ރުފިޔާއަށް 520 ދުވަސްތެރޭގައި 6.15 ކިލޯމީޓަރުގެ މަގު ހެދުމަށެވެ.

މީގެ އިތުރުން މާމިގިލީގެ ހަ މަގެއްގައި ތާރު އަޅައިޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 95 މިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން 400 ދުވަސްތެރޭގައި 4.89 ކިލޯމީޓަރުގެ މަގުގެ މަސައްކަތް ނިންމަންޖެހެ އެވެ.