ދުނިޔެ

ލަންކާގެ ދެވަނަ މީހަކު ވައިރަހަށް ޕޮޒިޓިވް، ސްކޫލުތައް ބަންދުކޮށްފި

Mar 12, 2020

ކޮލޮމްބޯ (މާޗް 12) - ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަހަށް ސްރީލަންކާގެ ދެވަނަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ލަންކާގެ ކަމާބެހޭ އިދާރާއިން މިއަދު ބުނީ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 44 އަހަރު މީހެއް ކަމަށެވެ. އަދި އެ މީހާއަށް އެ ބަލި ޖެހިފައިވަނީ އިއްޔެ އެ ވައިރަހަށް ޕޮޒިޓިވް ވެގެން މިހާރު ފަރުވާދެމުންދާ މީހާގެ ފަރާތުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެއީ ކޮވިޑް-19 އަށް ލަންކާގައި އެ ގައުމުގެ ރައްޔިތަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެ ވައިރަހަށް ޕޮޒިޓިވްވި 52 އަހަރުގެ މީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ މީހާއަށް ވައިރަސް ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުންކަމަށް ވެސް ބުނެފައިވެ އެވެ.

އެ މީހާއަށް ކޮލޮމްބޯގެ ދެކުނުގައި ހުންނަ އިންފެޝްޝަސް ޑިޒީސަސް ހޮސްޕިޓަލުގައި ކަރަންޓީނު ކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ލަންކާ ސަރުކާރުން މިހާރު ދަނީ އެ އިޓަލީ ޓޫރިސްޓު ގުރޫޕުން ޒިޔާރަތްކުރި ތަންތަނާއި، ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮރޯނާ ވައިރަހަށް ލަންކާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ވޫހާން އިން އެ ގައުމަށް ދިޔަ ޗައިނާގެ އަންހެނެކެވެ. އެ މީހާ އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ވަނީ ދޫކޮށްލައިފަ އެވެ.

ވައިރަސް އިތުރަށް ފެތުރިގެންދާނެކަމުގެ ބިރަށް ލަންކާ އިން އިއްޔެ ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. އަދި ލަންކާގެ ހުރިހާ ސްކޫލުތައް އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ނިންމައިފަ އެވެ.