ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިން ރިސޯޓުން 246 ޓޫރިސްޓުން ފުރުވާލައިފި

Mar 12, 2020

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވާ ތިން ރިސޯޓުން މިހާތަނަށް 246 ޓޫރިސްޓުން ފުރުވާލައިފި އެވެ.

ވައިރަސް ފެނުނު ތިން ރިސޯޓަކީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓާއި ކުރަމަތި އައިލެންޑް ރިސޯޓެވެ. އެ ތިން ރިސޯޓް މީގެކުރިން މީހުން އެރުން ފޭބުން މަނާކޮށްފަ އެވެ.

ނަމަވެސް މިއަދު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ ތިން ރިސޯޓްގެ ވެސް ވަކި ސަރައްހަދެއް ބަންދުކޮށް އެކަހެރިކޮށްފައި ތިބި މީހުން ބޭތިއްބުމަށްފަހު ރިސޯޓް ހުޅުވާލާފަ އެވެ. އަދި ޓޫރިސްޓުން ފުރުމުގެ ހުއްދަ ދީފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކުރެއްދޫ ރިސޯޓުން މިހާތަނަށް 104 ޓޫރިސްޓުން ފުރާފައިވާ ކަމަށާއި ބަތަލާ ރިސޯޓުން 15 ޓޫރިސްޓުން އަދި ކުރަމަތި ރިސޯޓުން 127 ޓޫރިސްޓުން ފުރާފައިވާ ކަމަށެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި އެމީހުންނަކީ ކޮންޓެކްޓް ޓްރޭސިން ހެދިއިރު ޕޮޒިޓިވްވި އެއްވެސް މީހަކާ ކޮންޓެކްޓްވެފައިި ނުވާ ލޯ ރިސްކްގެ މީހުން ކަމަށެވެ. އެމީހުން ފުރުމަށް މާލެ ގެންނަނީ ސްކްރީނު ކުރުމަށްފަހު ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ. އަދި އެމީހުން އެއާޕޯޓަށް ގެންނައިރު ފުލުހުން ވެސް ހަރަކާތްތެރިވާކަން މަބުރޫކު ފާހަގަ ކުރެއްވި އެވެ.

ކުރެއްދޫއިން ޓޫރިސްޓުންތަކެއް މިއަދު ފުރާފައިވާއިރު އެ ރަށުގައި އެކަހެރިކޮށްފައި ތިބި 10 މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ، މިއަދު ވަނީ ސާމްޕަލް ނަގާފަ އެވެ. އެމީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ ޓޫރިސްޓް، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އޭނާ ވަނީ މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އެއީ އޭނާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމުންނެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވް އެވެ.

އެ ޓޫރިސްޓުގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވެ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓްގައި ތިބި އިޓަލީގެ ދެ ޓޫރިސްޓެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަސް ވަނީ ފެނިފަ އެވެ. އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގަ އެވެ.