ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސްޖެހި ރަނގަޅުވީ މީހެއްގެ ތަޖުރިބާ

އެލިޒަބަތު ޝްނެއިޑާމް އަކީ އެމެރިކާގެ ވޮޝިންޓަންގެ ސީޓެލްގައި ދިރިއުޅޭ މީހެކެވެ. އޭނާއަށް ކޮރޯނާ ވައިރަސް ޖެހުނުތާ މާޗް 9، 2020 އަށް 13 ދުވަސް ވަނީ ވެފަ އެވެ. އަދި މިހާރު އޭނާ ވަނީ އެ ބަލިން މުޅިން ފަސޭހަ ވެފަ އެވެ. އެލިޒަބަތު ވަނީ އޭނާއަށް ބަލި ޖެހުނު ގޮތާއި އެ ބަލީގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ކަންތައްތައް ވީގޮތް ވަރަށް ތަފްސީލުކޮށް އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާކޮށްފަ އެވެ.


އޭނާ ބުނި ގޮތުގައި މާޗް 9، 2020 އަކީ އޭނާގެ ހަށިގަނޑުން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަން ފެށިތާ 13 ވަނަ ދުވަހެވެ. އަދި ހުން ނާންނަތާ 72 ގަޑިއިރު ވީ ވެސް އެ ދުވަހު އެވެ.

މިހާރު އިންޓަނެޓުގައި ވައިރަލް ވެފައިވާ މި ޕޯސްޓުގައި އެލިޒަބަތު ވަނީ އޭނާއަށް ބަލި ޖެހުނު ގޮތް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާޔަށް ހީވަނީ ކޮރޯނާވައިރަސް އޭނާގެ ހަށިގަނޑަށް އެރީ ކުޑަކުޑަ ހައުސް ޕާޓީއަކުން ހެންނެވެ. އެ ޕާޓީގައި ތިބީ މަދު މީސްކޮޅެއް ކަމަށާއި އެއިން އެއްވެސް މީހަކު ކެއްސާ ކިނބިހި އަޅާ ނުހަދާ ކަމަށާއި އަދި ބަލީގެ އެއްވެސް ނިޝާނެއް އެ ތަނުގައި ތިބި އެއްވެސް މީހެއްގެ ކިބައިން ނުފެންނަ ކަމަށް އެލިޒަބަތު ބުންޏެވެ. ނަމަވެސް އެ ޕާޓީގައި ތިބި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުން ބަލިވުމުން އެއީ ހަމަ އެތަނުން އެރި އެއްޗެއްކަން ގާތްގަނޑަކަށް ޔަގީންވި ކަމަށް އޭނާ ލިޔެފައި ވެއެވެ.

"މީޑިއާއިން އަބަދު އެބަ ކިޔާ ގިނަގިނައިން އަތް ދޮންނާށޭ. އަދި ރޯގާގެ ނިޝާންތައް ފެންނަ މީހުންނާ ކައިރި ނުވާށޭ. އަހަރެން އެ ހުރިހާ ގޮތަކަށް ވެސް އަމަލު ކުރިން. އަހަރެން ގަބޫލުކުރާ ގޮތުގައި ހުރިހާ އިންސާނުންނާ މުޅިން ދުރުގައި އުޅުން ނޫނީ މި ބަލިން ރައްކާތެރި ވެވޭނެ އެއްވެސް ގޮތެއް ނެތް. އެ ޕާޓީގައި ބައިވެރިވި 40 ޕަސެންޓް މީހުން ތިން ދުވަސް ތެރޭގައި ބަލިވި. އަދި އެ އެންމެންގެ ހަށިގަނޑުން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެންނަން ފެށި،" އެލިޒަބަތު ލިޔެފައި ވެއެވެ.

އެލިޒަބަތު ބުނާ ގޮތުގައި އެކި މީހުންނަށް ކޮރޯނާވައިރަސްގެ އަލާމާތްތައް ވެސް ފެންނަނީ ތަފާތު ކޮށެވެ. އެމީހެއްގެ އުމުރާއި ހާލަތާ ގުޅޭ ގޮތަށެވެ.

"އަހަރެންގެ އެކުވެރިންގެ ތެރެއިން މި ބަލި ޖެހުނު ގިނަ މީހުންނަކީ އުމުރުން 40 ގެ އަހަރުތަކާއި 50 ގެ ކުރީގެ އަހަރުތައް ގުނަމުންދާ މީހުން. އަހަރެންނަކީ 35 އަހަރުގެ މީހެއް. އަހަރެމެންނަށް ބަލީގެ ފުރަތަމަ އަލާމާތަކަށް ފެނުނީ ބޮލުގައި ރިއްސުން. ފުރަތަމަ ތިން ދުވަހު ވަރަށް ގަދަޔަށް ބޮލުގައި ރިހުނު. ދެން ރިހެނީ ދޭތެރެ ދޭތެރެއިން. ގައިގައި ވަރަށް ގަދަޔަށް ރިއްސާ ހުޅުހުޅުގައި ވެސް ރިއްސި. އަދި ވަރަށް ބޮޑަށް ގައިން ވަރު ދޫވި. ހުން އައި ފުރަތަމަ ރޭ 103 ޑިގްރީ އަށް ހުން އެރި. ދެން މަޑުމަޑުން ހުން ތިރިވަމުން އައިސް 100 އަށް ތިރިވެ ދެން ރަނގަޅު ވަންދެން ވެސް ހުރީ 99.5 ގަ. ބައެއް މީހުން ބޭރަށް ވެސް ހިންގި. އަހަރެން އެއް ދުވަހު ވަރަށް މޭ ނުބައިކުރި. ހުން ތިރިވުމުން ބައެއް މީހުން ނޭފަތް ބެދި ކަރު ސަކަރާތްވި. އަހަރެމެންގެ ތެރެއިން ވަރަށް މަދު މީހަކު ކުޑަކޮށް ކަރުތެރެ ހިރުވާ ކުޑަކޮށް ކެއްސި. ވަރަށް މަދު މީހަކު އުޅުނު މޭ ފިތޭ ކަހަލަ ގޮތެއް ވާތީ އާއި އެނޫންވެސް ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ދިމާވެގެން. އަހަރެން ބަލީގައި ހޭދަކުރީ 10-16 ދުވަސް،" އެލިޒަބަތު ލިޔެފައި ވެއެވެ.

އޭނާގެ ބަލި ހުރިކަން އެނގުނީ ސީޓެލްގައި އޮތް ރިސާޗް ސްޓަޑީއެއްގައި ވޮލަންޓިއާކޮށްގެން ހެދި ޓެސްޓުންކަމަށް އޭނާ ބުންޏެވެ.

މިހާރު އެލިޒަބަތު އަކީ އެހެން މީހުންނާ އެކަހެރިކޮށް އުޅެން ޖެހޭ މީހެއް ނޫނެވެ. ނަމަވެސް އޭނާ އަދިވެސް އުޅެނީ ވަރަށް ފަރުވާ ބަހައްޓައިގެންނެވެ. ހަށިގަނޑަށް މާ ބުރަބޮޑުވާ ކަހަލަ މަސައްކަތްތައް ނުކޮށް އަދި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮހެވެ. އަދި މިހާރު އޭނާ އެކަހެރި ކޮށްފައި ނެތަސް އެއްވެސް މީހަކާ ސަލާންކޮށް ބައްދަލުކޮށް ހެދުމުން އަދިވެސް އޭނާ އުޅެނި ދުރުހެލިވެގެންނެވެ. އެހެން މީހުންގެ ރައްކާތެރިކަމަށް ޓަކަ އެވެ.

ރޯގާގެ އަލާމަތްތައް ފެނުނަސް ކޮރޯނާވައިރަސް ނޫންކަމަށް ދެކި ޓެސްޓް ކުރާލެއް މަދުވުން މިއީ ބަލި ފެތުރޭލެއް ބާރުވުމުގެ ސިއްރު ކަމަށް އެލިޒަބަތު ދެކެ އެވެ. އަދި ބަލީގެ އެއްވެސް ނިޝާނެއް ނުހުރެ ވައިރަސް ހަށިގަނޑުގައި ހުންނަ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ބަލި އަރާތީ ޕާޓީތަކާއި މީހުން ގިނައިން އެއްވެ އުޅުން މިދުވަސްވަރު ވީހާވެސް މަދުކުރުމަކީ އެލިޒަބަތުގެ ނަސޭހަތެކެވެ.

އެލިޒަބަތު ބުނި ގޮތުގައި ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުން ވައިރަސް ހަށިގަނޑަށް ވަދެ އަލާމާތްތައް ނުފެނި 2-10 ދުވަސް ވެސް ހުރެދާނެ އެވެ. އަދި ކެއްސުމާއި ކިނބިހިއެޅުން އަދި ހުން އައުން ފަދަ ކަމެއް ދިމާވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އޭނާ ލަފާ ދިނެވެ.

އެންމެ މުހިއްމު ކަމަކީ ކެއްސާ ކިނބިހިއަޅާއިރު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމެވެ. ގިނަގިނައިން އަތްދޮވެ ސެނިޓައިޒާ ފަދަ ތަކެތި ބޭނުންކުރުމެވެ.