ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޮކްސްފޯޑް ކޮވިޑް-19 ވެކްސިން: ބޮޑު އުންމީދެއް

ކޮޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ވެކްސިން އުފެއްދުމުގެ ރޮނގުގައި މަސައްކަތްކުރާ ގިނަ ބަޔަކު މިހާރު ދަނީކުރަމުންނެވެ. ނަމަވެސް މި އެންމެންނަށް ވުރެ މާ ކުރީގައި އުޅެނީ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާ ވެކްސިން އެވެ. އޮކްސްފޯޑުގެ ވެކްސިން އުފައްދާ ކުންފުނި އަސްޓްރާޒެނެކާ އަކީ ދުނިޔެއަށް މަޝްހޫރު ބަޔޯފާމަސޫޓިކަލް ކުންފުންޏެކެވެ. ވެކްސިން އުފެއްދުމުގެ ރޮނގުން ލިބިފައިވާ ކުރިއެރުންތައް ވަރަށް އަވަހަށް މި ކުންފުނިން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮވިޑް-19 ވެކްސިންގެ މި ރިސާޗްގެ "ބޮޑު ސިކުނޑި" އަކީ ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ޕްރޮފެސާ އޮފް ވެކްސިނޮލޮޖީ ސާރާ ކެތެރީން ގިލްބާޓް އެވެ. މިހާ އަވަހަށް ވެކްސިން ވުޖޫދަށް އައުމުގެ އުންމީދު އާވެފައިވަނީ ސާރާގެ ތަޖުރިބާ އާއި ކުޅަދާނަކަމުގެ ސަބަބުންނެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ދިރާސާ އާއި ވެކްސިންގެ ޓްރަޔަލްތަކުން ނުކުމެފައިވާ ނަތީޖާތަކާ ގުޅޭ ގޮތުން ވަރަށް "ދި ލާންސެޓް"ގައި ޝާއިއުކުރާނެ އެވެ. އޭރުން މުޅި ދުނިޔެއަށް ވެސް މި ވެކްސިންގެ ޕޮޒިޓިވް ނަތީޖާގެ އުފާވެރި ޚަބަރު ލިބިގެން ދާނެ އެވެ.

އަސްޓްރާޒެނެކާއިން ދެ ބިލިއަން ޑޯޒް އޮކްސްފޯޑް ކޮވިޑް-19 ވެކްސިން އުފެއްދުމުގެ ތައްޔާރީތައް މިހާރު ވެސް ވަނީ ފަށާފަ އެވެ. އެހެންކަމުން އޮކްސްފޯޑް ޔުނިވަސިޓީގެ ވެކްސިން އުޅެނީ އެހެން ހުރިހާ ވެކްސިން އަކަށް ވުރެ މާ ބޮޑަށް ވެސް ކުރީގައި ކަން މުޅި ދުނިޔެއަށް ވެސް ވަރަށް އަވަހަށް އެނގިގެން ދާނެ އެވެ.

ބްލޫމްބާގްގައިވާ ރިޕޯޓެއްގައި އޮކްސްފޯޑުން ކޮވިޑް-19 ވެކްސިން އުފެއްދުމަށް ކުރި މަސައްކަތްތަކާއި ހޯދި ކާމިޔާބީތަކަށް އަލި އަޅުވާލާފައި ވެއެވެ. މި ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ އެއް ކަމަކީ މި ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ޕްރޮފެސާ ސާރާ ގިލްބާޓް އަދާކުރި ރޯލެވެ.

އިންސާނުންނަށް ވެކްސިން ދީގެން ކުރިޔަށް ގެންދާ ޓްރައަލްތައް 1،100 މީހުންނަށް ވެކްސިން ދިނުމާއެކު އޮކްސްފޯޑުން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ. މި ވެކްސިންގެ ނަތީޖާ ލިބެން ނަގާނީ ހަތަރު މަހެވެ. މިއީ އާއްމުގޮތެއްގައި ފަސް އަހަރުން ހޯދޭ ނަތީޖާއެކެވެ.

ޖޫން ނިމުނުއިރު އޮކްސްފޯޑު ޓީމަށް ވަނީ އިންސާނުން ބޭނުންކޮށްގެން ކުރަމުންދިޔަ ޓެސްޓްތަކުގެ ފައިނަލް ސްޓޭޖަށް ދެވިފަ އެވެ. އަދި މިހާރު އެސްޓްރާޒެނެކާއިން މި ޓްރަޔަލްތަކުގެ ޕޮޒިޓިވް ނަތީޖާ އިއުލާންކުރަން ދަނީ ތައްޔާރު ވަމުންނެވެ. އެއާއެކު އެންމެ އަވަސްވެގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެކްސިން އުފައްދަން ފަށާނެ އެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުން އަދި އުޅެނީ ވަރަށް ޅަފަތުގެ މަރުހަލާ ތަކެއްގަ އެވެ. ބައެއް ފަރާތްތަކުން އަދި އިންސާނުންނަށް ވެކްސިން ދީގެން ކުރިޔަށް ގެންދާ ޓްރަޔަލްތަކުގެ މަސައްކަތް އަދި ނުވެސް ފަށަ އެވެ.

ވެކްސިން އުފެއްދުމުގެ ރޮނގުން ކުރިއަރާފައިވާ އެހެނިހެން މީހުންނަށް ވުރެ އޮކްސްފޯޑް ޓީމަށް ސާރާ ގިލްބާޓް އާއި އޭނާގެ ޓީމުން ކުރި ހޯދީ މިކަމާ ގުޅޭ ގޮތުން އެމީހުންނަށް ލިބިފައިވާ ގިނަ ގުނަ ތަޖުރިބާގެ އަލީގަ އެވެ.

މިހާރު ބެލެވޭ ގޮތުގައި 10،000 މީހުންނަށް ވެކްސިން ދީގެން ހަދާ އެންމެ ބޮޑު އަދި އެންމެ ފަހު ޓްރަޔަލް ވަރަށް އަވަހަށް މި ޓީމުން ފަށާނެ އެވެ. މިއީ ވާދަވެރި އެއްވެސް ބަޔަކަށް އަދި ކުރެވުން އެހައި ކައިރި ކަމެއް ނޫނެވެ.
އޮކްސްފޯޑްގެ މި ކާމިޔާބު ވެކްސިން ފޯމިއުލާ އަކީ ކުރިން އުފައްދާފައިވާ ވެކްސިން ތަކާ މުޅިން ތަފާތު ފޯމިއުލާ އަކަށް ވުމީ ވެސް މި ވެކްސިން ޚާއްސަވާ އެއް ސަބަބެވެ. މި ފަހަރުގެ ވެކްސިންއަކީ ވައިރަލް ވެކްޓާ ޓައިޕް ވެކްސިން އެކެވެ. މިއީ ގެއްލުމެއް ނެތް ވައިރަސްއެއް މެދުވެރިކޮށް ޕެތޯޖަންގެ ޖެނެޓީކް މެޓީރިއަލް ސެލް އަށް ފޯރުކޮށްދޭ ވެކްސިން އެކެވެ. މި ޖެނެޓިކް މެޓީރިއަލް އިން ހަށިގަނޑުގައި އިމިއުން ރެސްޕޮންސެއް އުފައްދާ ހަގީގީ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ގޮތަށް މި ވެކްސިން ތައްޔާރު ކޮށްފައި ވެއެވެ.

ކުރީގައި އުފައްދާފައިވާ ވެކްސިންތަކާއި މިފަހަރުގެ ވެކްސިންގެ ޕްރޮސެސް ތަފާތު ވަނީ ކުރިން އުފައްދާފައިވާ ވެކްސިންތަކުގައި ބޭނުންކުރަނީ ވަރަށް ބަލިކަށި ނުވަތަ އެކްޓިވޭޓްނުވާ ޕެތޯޖަން ކަމަށް ވާތީ އެވެ. މިއާ މެތަޑް އަކީ މާ ފަސޭހަ އަދި އަވަހަށް ނަތީޖާ ލިބޭތޯ އުފެއްދުމުގެ މަސައްކަތް އަވަހަށް ފެށޭ ވެކްސިނެކެވެ.

ޕްރޮފެސާ ސާރާ އާއި ޓީމުން މިފަހަރުގެ ވެކްސިންގައި ބޭނުންކޮށްފައިވަނީ ޗިމްޕަންޒީ އެޑެނޯވައިރަސް އެވެ. މިއީ އާއްމުކޮށް އަރިދަފުސް ރޯގާ ޖެހުމަށް މެދުވެރިވާ ވައިރަސް އެކެވެ. ގެއްލުމެއް ނެތް މި ވައިރަސް މި ފަހަރު މި ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ ޖެނެޓިކް މެޓީރިއަލް އަށް އިންސާޓް ކުރެ އެވެ. ސައިންސްވެރިން ބަލަނީ ކޮވިޑް-19 ޖައްސާ ވައިރަހަށް އޮޅުވާލައިގެން ހަށިގަނޑުގައި ދިފާއީ މަސައްކަތްތަކެއް އެ ވައިރަހާ ދެކޮޅަށް ފަށާ ވެކްސިން އަކަށް މި ވެކްސިން ހެދުމަށެވެ.

ޕްރޮފެސާ ސާރާ މީގެ ކުރިން ވަނި ކޮރޯނާވައިރަހުގެ ވައްތަރެއް ކަމަށްވާ މާސް އަށް ވެކްސިން އެއް ތައްޔާރުކުރުމުގެ މަސައްކަތް ގިނަ ދުވަސް ތަކަކު ކޮށްފަ އެވެ. ކޮވިޑް-19ގެ ވެކްސިން އެއްގެ މަސައްކަތް އަވަސްކަމާއެކު އޮކްސްފޯޑަށް ފެށުނީ ކުރިންސުރެ ކޮށްފައިވާ މި މަސައްކަތްތަކުން ލިބިފައިވާ މައުލޫމާތާއި ކުރެވިފައިވާ ތަޖުރިބާ ތަކާ ވެސް އެކުގަ އެވެ.

އޮކްސްފޯޑު ވެކްސިންގެ މަސައްކަތް ކުރާ ފަރާތްތަކަށް އޮތް އަނެއް އެޑްވާންޓޭޖަކަށްވީ އެމީހުންގެ އަމިއްލަ ބޭސް އުފެއްދުމުގެ މަސައްކަތްކުރާ ބޮޑު މެނުފެކްޗަރިން ފެސިލިޓީއެއް ހުރުމެވެ. ކޮންމެ ވެކްސިނެއްގެ މަސައްކަތް ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުން އެ ވެކްސިނެއް ތައްޔާރު ކޮށްލާ ކަމެވެ. ހިއުމަން ޓްރަޔަލްތައް އަވަހަށް ފެށެން މެދުވެރިވަނީ މި ސަބަބާ ހެދި އެވެ.

ކޮވިޑް-19 ގެ ވެކްސިންގެ އެންމެ ފުރަތަމަ މަރުހަލާގައި ވެކްސިން ދިނީ ހަ ރާމާމަކުނަށެވެ. އެއަށްފަހު 28 ދުވަސް ވަންދެން ކޮރޯނާވައިރަސް ޖައްސާ ޖަރާސީމުތައް މި މަކުނުތަކުގެ ހަށިގަނޑަށް އެކި ގޮތްގޮތަށް ފޯރުވި އެވެ. މި އެއްޗިއްސަށް ވައިރަސް ފޯރުވި މިންވަރު ޕަބްލިކް ޓްރާންސްޕޯޓެއްގައި ދަތުރުކުރާ މީހެއްގެ ގަޔަށް ވައިރަސް އަރާނެ މިންވަރު އަދި މިފަދަ ބަލި މީހުން ތިބި ވޯޑަކުން މީހެއްގެ ގަޔަށް ވެކްސިން އަރާފާނެ މިންވަރަށް ވުރެ މާ ގިނަ އެވެ. ނަމަވެސް ވެކްސިން ދިން އެއްވެސް މަކުނެއްގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނެވެ.

ކޮރޯނަވައިރަހުގެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަދެ ބަލި ޖެއްސުމުގެ ކުރިން ވެކްސިނުން މި ވައިރަސް ކޮންޓްރޯލް ކުރާނެކަމުގެ 80 ޕަސެންޓް ޔަގީންކަން މިހާރުވެސް ޕްރޮފެސަ ސާރާ ގިލްބާޓް އާއި އޭނާގެ ޓީމަށް އެބައޮތެވެ. ބާކީ 20 ޕަސެންޓް ވެސް ވަރަށް އަވަހަށް ޔަގީން ކުރެވޭނެ އެވެ.