ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ އެމެރިކާއިން އުފައްދާފައިވާ ވައިރަސްއެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒައޯ ލިޖިއަން ތުހުމަތު ކުރައްވައިފި އެވެ.
ކެނެޑާގެ ވެބްސައިޓެއްގައި ވައިރަސްއަކީ އެމެރިކާއިން އުފެއްދި ވައިރަސްއެއް ކަމަށް ތުހުމަތުކޮށް ޝާއިއު ކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިން ގަބޫލު ނުކުރެވޭ އެތައް ކަމެއް މިހާރު ގަބޫލު ކުރެވެން ފަށާފައިވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އެ ލިޔުން ރީޓްވީޓް ކުރެއްވުމަށް އޭނާ ގޮވާލެއްވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާގެ ވުހާން ސިޓީގައި ބޭއްވި ބައިނަލްއަގްވާމީ މިލިޓަރީ ގޭމްސް މުބާރާތުގައި 100 އަށްވުރެ ގިނަ ގައުމުން ބައިވެރިވި މި މުބާރާތުގައި އެމެރިކާ އަސްކަރިއްޔާއިން ވެސް ބައިވެރިވެފައިވާ ކަމަށާއި އޭގެ ދެ މަސް ފަހުން ވުހާން ސިޓީން ކޮވިޑް-19 ފެނެފައިވާ ކަމަށެވެ. އެއީ އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސިޓީ އެވެ.
މީގެ ކުރިން އިރާން އިން ވެސް ވަނީ އެ ވައިރަސްއަކީ އެމެރިކާއިން އުފެއްދި ވައިރަސްއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ޗައިނާގެ ހުއާން ސިޓީން ފެނުނު އެ ވައިރަސް މިހާރު އެންމެ ބޮޑަށް ފެތެރެމުންދާ އެއް ގައުމަކީ ވެސް އިރާނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ވުހާން ސިޓީން ފެނުނު އެ ވައިރަސް ފަހުން އެ ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރި، މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ވައިރަސް ފެތުރި އެއީ ދުނިޔެއަށް ބަލާއާފާތަކަށް ވެފަ އެވެ.
އެ ވައިރަސް ޖެހިފައިވާ 137,000 އަށްވުރެ ގިނަ މީހަކު ފެނިފައިވާއިރު 70,000 އަށްވުރެ ގިނަ މީހަކު ރަނގަޅު ކުރެވިފައިވެ އެވެ. އަދި 5،000 އަށްވުރެ ގިނަ މީހުން ވަނީ އެ ވައިރަސް ޖެހިގެން މަރުވެފަ އެވެ.