ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެހެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ޓޫރިސްޓަކު އެކަހެރިކޮށްފި

ބ. ފެހެންދޫން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ޓޫރިސްޓަކު ފެނި އެކަހެރި ކޮށްފި އެވެ.

ދަރުބާރު ގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މައުލޫމާތަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެހެންދޫގެ ގެސްޓް ހައުސެއްގައި މަޑުކޮށްގެން ހުރި ޓޫރިސްޓެއްގެ ފަރާތުން އެ ވައިރަސްގެ އަލާމާތް ފެނިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެ ރަށް މޮނިޓަރިންގެ ހަލާތަށް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން އެ ރަށުގައި ކޮންޓެކްޓް ރޭސިން ހެދުމަށާއި ސާމްޕަލްތައް ނަގައި ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އެ ރަށަށް ޑޮކްޓަރުންގެ ޓީމެއް ފުރާފައިވާ ކަމަށެވެ. އެއީ ރަށަކުން ކޮރޯނާއަށް ޝައްކު ކުރެވޭ މީހަކު ފެނުމުން މިހާރު އަމަލު ކުރަމުންދާ އުސޫލެވެ.

މީގެ ކުރިން ށ. ފޯކައިދޫން ކުރެއްދޫ ރިސޯޓުގެ މުވައްޒަފަކާއި، ޅ. ހިންނަވަރުގެ އިތުރުން މާލޭގެ ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފަކު ވައިރަސްއަށް ޝައްކު ކުރެވިގެން އެކަހެރި ކުރި އެވެ. އެ މީހުން ވަނީ ވައިރަސްއަށް ނެގެޓިވް ވެފަ އެވެ.

ބ. ފެހެންދޫއަށް ޒިޔާރަތް ކުރި ޓޫރިސްޓަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރި ކުރިއިރު، މިހާތަނަށް ރާއްޖޭން އެ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ ނުވަ ބިދޭސީއެކެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކާއި، އެ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ޓޫރިސްޓަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ޓޫރިސްޓެއްގެ އިތުރުން ކ. އަނަންތަރާ ދިގު ރިސޯޓުން ބިދޭސީއެކެވެ.