އއ. ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި މީހާގެ ހާލު ދެރަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަަނަ ފަންގިފިލާގައި ފަރުވާދެމުން ދަނީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 70 އަހަރުގެ އިޓަލީ ޓޫރިސްޓެކެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ބަދަލު ކޮށްފައި ވަނީ އިތުރު ފަރުވާދޭން ވެގެންނެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑރ. މޫސާ މުރާދު ވިދާޅުވީ އެ މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށި ފުރަތަމަ ދުވަހާ އަޅާ ބަލާއިރު މިހާރު އޭނާގެ ހާލަތު ދަށްވެފައިވާ ކަމަށެވެ.
އެ ގޮތުން މިހާރު އެ މީހާގެ ހާލަތު ގޯސްވެ އޮކްސިޖަން ދޭން ޖެހިފައިވާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވި އެވެ. އެކަމަކު ވެންޓިލޭޓަރަށް ގެންދާ ވަރަށް ހާލަތު ގޯސް ނުވާ ކަމަށާއި އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ.
"މާނައަކީ މިހާރު އޭނާ އަށް އޮކްސިޖަން ދޭން ޖެހެޔޭ. އޮކްސިޖަން ދީގެން އޭނަގެ ހަށިގަނޑުގެ އޮކްސިޖަން ލެވެލް މި ވަގުތު ހިފަހެއްޓެނީ. އެއަށްވުރެ އިތުރަކަށް އޭނާ ގޯހެއް ނުވޭ. އޭނަގެ ކަންތައްތައް ހުރި ރަނގަޅަށް" މޫސާ މުރާދު ވިދާޅުވި އެވެ.
އެ ރޯގާ ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަސް ސަރުކާރުން ހަމަޖައްސާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށެވެ. އެ ތަނުގައި އެއް ފަހަރާ 10 މީހުންނަށް ފަރުވާ ދެވޭ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ މުރާދު ވިދާޅުވެފައިވެ އެވެ.
އއ. ބަތަލާ ރިސޯޓުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހާލު ދަށްވެފައިވާއިރު އިތުރު އަށް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހާލު ބޮޑުވެގެން މިހާތަނަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މި މީހާ އެކަންޏެވެ.