ސިކްސް ސެންސް ލާމު ރިސޯޓުގައި ތިބި ހަތަރު ބިދޭސީއަކާއި އޮޅުވެލި ރިސޯޓުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފި އެވެ.
ދަރުބާރު ގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މައުލޫމާތުތައް ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސިކްސް ސެންސް ލާމު އިން ހަތަރު ބިދޭސީއަކު އެ ރަށުގައި އެކަހެރިކޮށްފައިވާ ކަމަށެވެ. އެ މީހުންގެ އަމިއްލަ ގައުމުގައި އޮތް ކައިވެނީގެ ހަފުލާއަކަށް ދިޔައިރު، އެހަފުލާއަށް ދިޔަ އެހެން މީހަކު ވަނީ ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކައިވެނި ހަފުލާގައި ވައިރަސްއަށް ޕޮޒިޓިވްވި މީހާއާ އެކި ގޮތް ގޮތުން މި ހަތަރު ބިދޭސީންނާއި ކޮންޓެކްޓް ވެފައިވާ ކަމަށް ބަލައި އެކަހެރި ކުރީ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ މީހުންގެ ސާމްޕަލް ނަގައި ވައިރަސްއަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އޮޅުވެލި ބީޗް ރިސޯޓުގައި ތިބި ދެ ބިދޭސީއަކު ވެސް ކޮވިޑް-19 ގެ އަލާމާތްތައް ހުރި ކަމަށް ރިޕޯޓް ކުރުމުން އެ މީހުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އެ ރަށް މޮނިޓާރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އެ ރަށަށް ޑޮކްޓަރުންގެ ޓީމެއް ގޮސް ކޮންޓެކްޓް ރޭސިންގެ މަސައްކަތާއި އެ ދެ ބިދޭސީން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ރިސޯޓެއްގައި ތިބި ހަ ބިދޭސީއަކު ވައިރަސްއަށް ޝައްކު ކުރެވެގެން ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ރާއްޖޭން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ވަނީ ފެނިފަ އެވެ. އެ ނުވަ މީހުންނަކީ ވެސް ރިސޯޓުތަކުގައި ތިބި ބިދޭސީންތަކެކެވެ.