ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫރަޕުން މީހުން އެތެރެވުން ލަންކާއިން މަނާކޮށްފި

Mar 14, 2020

ކޮލޮމްބޯ (މާޗް 14) - ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެ ވަރުގަދަ ފިޔަވަޅެއްގެ ގޮތުން، މިހާރު އެ ވައިރަސް އެންމެ ހަލުވި މިނުގައި ފެތުރެމުންދާ ޔޫރަޕުގެ ނުވަ ގައުމަކުން މީހުން އެތެރެވުން ސްރީލަންކާއިން މަނާކޮށްފި އެވެ.

ލަންކާއިން އިއްޔެ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ތިން ކޭހެއް ރިޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީގެ އިތުރުން ޖަރުމަނުން އެނބުރި ދިޔަ ބައެއް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެއާއެކު ލަންކާގައި އެ ވައިރަސް މިވަގުތު ޖެހިފައިވާ މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.

ލަންކާގައި ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި 52 އަހަރުގެ މީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ މީހާއަށް ވައިރަސް ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުންކަމަށް ވެސް ބުނެފައިވެ އެވެ.

ލަންކާ ސަރުކާރުން ބުނީ މާޗް 15 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ފްރާންސް، ސްޕެއިން، ޖަރުމަނު، ސްވިޓްޒަލަންޑް، ޑެންމާކް، ނެދާލަންޑްސް، އޮސްޓްރިއާ އަދި ސްވީޑަންއިން މީހުން އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ. އަދި މާޗް 14 އިން ފެށިގެން އިޓަލީ، ދެކުނު ކޮރެއާގެ އިތުރުން އިރާނުންވެސް މީހުން އެތެރެވުންވެސް ލަންކާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ވައިރަސް އިތުރަށް ފެތުރިގެންދާނެކަމުގެ ބިރަށް ލަންކާ އިން މިހާރުވެސް ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ.

އެކަމާ ގުޅިގެން ލަންކާގެ ސްކޫލްތަކާއި، ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، އެއްވުންތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.