ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެޒިލްގެ ރައީސް ކޮވިޑް-19 އަށް ނެގެޓިވް

Mar 14, 2020

ރިއޯ ޑި ޖެނެރޯ (މާޗް 14) - ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯ ކޮރޯނާ ވައިރަހަށް ނެގެޓިވްވެފައިވާކަމަށް އެމަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވެފައިވަނީ، ބްރެޒިލްގެ މައި ނޫހަކުން ބޮލްސެނާރޯ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ބޮލްސެނާރޯގެ ދަރިފުޅުވެސް މީޑިއާއަށް ވިދާޅުވީ، އޭނާގެ ބައްޕާފުޅުގެ ޓެސްޓް ނެގެޓިވް ކަމަށެވެ.

ބްރެޒިލް މީޑިއާގައި އެ ރިޕޯޓުތައް ދައުރުވާންފެށީ، ބޮލްސެނާރޯގެ ކޮމިޔުނިކޭޝަންސް ސެކްރެޓަރީ އެ ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ދެބޭފުޅުންވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ނައިބު ރައީސް މައިކް ޕެންސާ ބައްދަލުކުރައްވައިފަ އެވެ.

ބޮލްސެނާރޯގެ ކޮމިޔުނިކޭޝަންސް ސެކްރެޓަރީ އެ ވައިރަހަށް ޕޮޒިޓިވްވީ އެ ދަތުރުފުޅަށް ފަހު އެވެ.

ނަމަވެސް، އެމެރިކާގެ ރައީސާއި ނައިބު ރައީސް ކޮވިޑް-19 އަށް ޓެސްޓު ނުކުރާކަމަށް ވައިޓް ހައުސް އިން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ. އެ ދެ ބޭފުޅުން ވައިރަހަށް ޓެސްޓް ނުކުރަން ނިންމީ، ބްރެޒިލްގެ ވަފްދާ މާބޮޑަށް ބައްދަލުވެ އުޅުއްވާފައިނުމުގެ އިތުރުން، އެ ބަލީގެ އަލާމާތްތައް އަދި ނުފެންނާތީކަމަށް އިތުރަށް ބުންޏެވެ.

ޗައިނާ އިން އުފަންވެގެން މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާ ބަލި ޖެހުނު މީހުންގެ އަދަދު 145،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 5،000 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، އެ ޗައިނާގައި އެ ބަލި މިހާރު ނުފެތުރޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާއިރު، އެ ވައިރަހުގެ އެޕިސެންޓަރަކީ ޔޫރަޕުކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.