ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރެއްދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

މިއީ ކުރެއްދޫ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ފަސް ވަނަ މީހާ އެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ކޮވިޑް19ގެ އަލާމާތްތައް ފެނިގެން އެ ރިސޯޓުން މިފަހުން އެކަހެރިކުރި 10 މީހުންގެ ނަތީޖާ މިއަދު ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެކެއްގެ ނަތީޖާ ޕޮޒިޓިވްވިއިރު އަނެއް ނުވަ މީހުންގެ ނަތީޖާ ނެގަޓިވް އެވެ. މި އެންމެންނަކީ ވެސް ކޮންޓެކްޓް ޓްރޭސިންއިން ފާހަގަވި މީހުންނެވެ.

ކޮވިޑް19 އަށް މިފަހަރު ވެސް ޕޮޒިޓިވްވެފައިވަނީ ބިދޭސީ މީހެކެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުއްޓަށް ބަދަލުކޮށްފަ އެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ ޓޫރިސްޓް، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އޭނާ ވަނީ މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އެއީ އޭނާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމުންނެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވް އެވެ.

އެ ޓޫރިސްޓުގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވެ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓްގައި ތިބި އިޓަލީގެ ދެ ޓޫރިސްޓެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަސް ވަނީ ފެނިފަ އެވެ.

ކުރެއްދޫ ރިސޯޓް ލޮކްޑައުންގައި ބޭއްވުމަށްފަހު މިހާރު ވަނީ ހުޅުވާލާފަ އެވެ. ރިސޯޓް އާންމުކޮށް ހުޅުވާލީ އެ ރިސޯޓްގެ ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު އެވެ. އެ ސަރަހައްދުގައި ތިބެނީ އަލާމާތްތައް ފެނިގެން އެކަހެރިކޮށްފައި ތިބޭ މީހުންނެވެ.

ރިސޯޓް ހުޅުވާލާފައިވާއިރު މިހާރު އެ ރިސޯޓުން ޓޫރިސްޓުން ވަނީ ފުރަން ފަށާފަ އެވެ. ކުރެއްދޫ ރިސޯޓުން ބުނި ގޮތުގައި ރިސޯޓު އަލުން ހުޅުވާލުމުން ޓޫރިސްޓުން ފޭބުމަށް ހުއްދަދީ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އެ ރިސޯޓުން ޓޫރިސްޓުންނަށް ފޭބޭނީ މެޑިކަލް ސްކްރީން ހެދުމަށްފަހު އެ މީހުންގެ ހާލު ރަނގަޅު ނަމަ ކަމަށެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ޓޫރިސްޓުންނަށް ފޭބުމުގެ ހުއްދަ ދިން ނަމަވެސް މި ވަގުތަށް އެ ރިސޯޓަށް އާ ޓޫރިސްޓުން ނުގެންނާނެ އެވެ. އެ ރިސޯޓަށް އާ ބުކިން ނުނަގަން ނިންމާފައިވާއިރު ބުކިން ހަދާފައިވާ ޓޫރިސްޓުންނަށް ކްރައުންޑް އެންޑް ޗަމްޕާގެ އެހެން ރިސޯޓްތަކުން ޗުއްޓީ ދެމުންދާނެ ކަމަށް ކުރެއްދޫ ރިސޯޓުން ބުނެފައިވެ އެވެ.