ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޕެއިން، ޖާމަނީ، ފްރާންސްއިން މީހުން އައުން މަނާކޮށްފި

ޔޫރަޕްގެ އިތުރު ތިން ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ. މިރޭއިން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވަނީ ސްޕެއިންނާއި ޖާމަނީ އަދި ފްރާންސްއިންނެވެ.

މީގެކުރިން އިޓަލީއިން މީހުން ރާއްޖެ އައުން އޮތީ މަނާކޮށްފަ އެވެ. އިޓަލީއަކީ މިހާރު ކޮވިޑް19 އެންމެ ބޮޑަށް ފެތުރެމިންދާ ގައުމެވެ. އޭގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެހެންވެ، މީގެކުރިން އެމެރިކާ އާއި ސްރީލަންކާއިން ވެސް ވަނީ ޔޫރަޕްގެ ހުރިހާ ގައުމަކުން އެ ގައުމަށް މީހުން އެތެރެވުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އަޅާފަ އެވެ.

ރާއްޖެއިން މީގެކުރިން ވަނީ ޗައިނާ، ބަންގްލަދޭޝް، ސައުތު ކޮރެއާ އަދި އީރާންއިން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

ޔޫރަޕްގެ ތިން ގައުމަކުން މީހުން އެތެރެވުން މަނާކޮށްފައިވާއިރު، އެއީ ރާއްޖެއަށް ޓޫރިސްޓުން ގިނަ އަދަދަކަށް އަންނަ ތިން ގައުމެވެ. އެހެންކަމުން އޭގެ ސަބަބުން ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ފިޔަވަޅު އެޗްޕީއޭއިން އެޅީ ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.