ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިވަރުގައި ކޮޓަރިތައް އިތުރުކޮށް، ވެލިދޫ ރިސޯޓު ކަރަންޓީނު މަރުކަޒަކަށް

Mar 14, 2020
5

ދުނިޔޭގައި ހަލުވި މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކުރި ވިލިވަރުގައި ދެ ވަނަ ފިޔަވަހީގެ ދަށުން ކޮޓަރިތައް އިތުރުކުރަން ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި މިހާރު ގާއިމުކޮށްފައިވާ 30 ކޮޓަރީގެ އިތުރުން، އިތުރު 70 ކޮޓަރި އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މާލެއާ މާ ދުރުނޫން ހިސާބެއްގައި ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ގާއިމް ކުރި ކޮވިޑް-19 އިގެ އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދިޔަ، މި ރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮވިޑް-19 އިގެ ބަލި މީހުންނަށް ހާއްސަ ފެސިލީޓީއަކަށް ބަދަލު ކޮށްފަ އެެވެ. ކޮވިޑް-19 އިގެ ބަލި މީހުނަށް ހާއްސަ ކުރަން ވިލިވަރު ދީފައި ވަނީ ރަށުގެ ވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ.

އިތުރު އަގަކާ ނުލައި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ރަށް ސަރުކާރަށް ދީފައިވާތީ، މިއަދުވެސް އަލީ ވަހީދު ވަނީ ޖަނާހުއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ވިލިވަރުގެ އިތުރުން، ރިސޯޓެއްގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ހިންގި ނަމަވެސް މިހާރު ހުއްޓިފައިވާ، އއ. ވެލިދޫ ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން ބޭނުންކުރަން ނިންމާފައިވާކަމަށް މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ވިލިވަރުގެ 30 ކޮޓަރި ފުރިގެން، 31 ވަނަ ކޮޓަރިއަކަށް ވެލިދޫ ރިސޯޓު ހަމަޖެހިގެންދާނެ،" އެ ރިސޯޓުގެ ހިއްސާދާރުންނަށްވެސް ޝުކުރުއަދާކުރައްވަމުން އަލީ ވަހީދު އިތުރަށް ވިދާޅުވި އެވެ.

ވިލިވަރުގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދަނީ ފަރުކޮޅުފުށީގައި ގާއިމުކުރި މަރުކަޒެވެ.

ކަރަންޓީނު ފެސިލީޓީތައް އިތުރު ކުރަން ސަރުކާރުން ނިންމާފައިވަނީ ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވައިރަހާ ގުޅިގެން މިހާރުވެސް 13 ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އަދި މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކޮށްފައިވާއިރު، ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ކުރިަށް އޮތް 14 ދުވަހަށް ބަންދުކުރަން އަންގައިފަ އެވެ.

އޭގެ އިތުރުން، ސަރުކާރުން މިއަދު ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުންވެސް މަނާކޮށްފަ އެވެ. މީގެ ކުރިން، ޗައިނާ، އިރާން، ބަންގްލަދޭޝް އިޓަލީ އަދި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ.