ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިޒަމް ޓްރަސްޓް ފަންޑުން މެޑިކަލް ޓީމެއް ރާއްޖެ ގެންނަނީ

Mar 14, 2020
6

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޓޫރިޒަމް ޓްރަސްޓް ފަންޑުން ސިއްހީ މާހިރުންގެ ޓީމެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ ސިއްހީ މާހިރުން ހިމެނޭ ޓީމެއް ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެއް މަސް ދުވަހުގެ މުއްދަތަށް ރާއްޖެ އަންނަ ޓީމު ގެންނަނީ ޓޫރިޒަމް ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން ކަމަށެވެ.

އެ ޓީމު ހަރަކާތްތެރިވާނީ، ވިލިވަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ކަމަށްވެސް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި އެގައުމުގެ ސިއްހީ މާހިރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރަނީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީ އިންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި ސީއެސްއާރު ފައިސާ ޖަމާކުރާނެ އުސޫލެއް ކަނޑައަޅާފަ އެވެ. އަދި މިހާރު މި ފައިސާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.

މިދިޔަ އަހަރު އެ ފަންޑުގައި 24.6 މިިލިއަން ރުފިިޔާ ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެންމެ 10 ދުވަސް ތެރޭގައި ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީ ގާއިމުކުރީވެސް އެ ފަންޑުގައި ހުރި ފައިސާގެ ތެރެއިންނެވެ. އެ ފެސިލިޓީ 100 ކޮޓަރިއަށް ހެދުމަށް ނިންމާފައިވާކަމަށްވެސް އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ވިލިވަރުގެ އިތުރުން، ރިސޯޓެއްގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ހިންގި ނަމަވެސް މިހާރު ހުއްޓިފައިވާ، އއ. ވެލިދޫ ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން ބޭނުންކުރަން ނިންމާފައިވާކަމަށް މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ.

ވިލިވަރުގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދަނީ ފަރުކޮޅުފުށީގައި ގާއިމުކުރި މަރުކަޒެވެ.

ކަރަންޓީނު ފެސިލީޓީތައް އިތުރު ކުރަން ސަރުކާރުން ނިންމާފައިވަނީ ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވައިރަހާ ގުޅިގެން މިހާރުވެސް 13 ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އަދި މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކޮށްފައިވާއިރު، ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ކުރިަށް އޮތް 14 ދުވަހަށް ބަންދުކުރަން އަންގައިފަ އެވެ.

އޭގެ އިތުރުން، ސަރުކާރުން މިއަދު ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުންވެސް މަނާކޮށްފަ އެވެ. މީގެ ކުރިން، ޗައިނާ، އިރާން، ބަންގްލަދޭޝް އިޓަލީ އަދި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ.