ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮރޯނާއާއެކު ބޮލީވުޑް ފިލްމުތައް ފަސްކޮށްފި

ކޮރޯނާވައިރަސް ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިޔާގެ އެކި ހިސާބުތަކުގެ ގިނަ ސިނަމާތަކެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެހެން ކަމުން ގިނަ ފިލްމުތަކެއް ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީޚުގައި ރިލީޒް ނުކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ހުކުރު ދުވަހު ރިލީޒްކުރި "އަންގްރޭޒީ މީޑިއަމް" ވެސް މިހާރު ވަނީ ފަހުން އަލުން އަޅުވާ ގޮތަށް ހަދައި ސިނަމާތަކުން ނަގާފަ އެވެ. މާޗް 24 ގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފްގެ "ސޫރިޔަވަންޝީ" މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މޭ 22، 2020 ގައި ކަމަށް ވެއެވެ. މިއީ ފިތުރު އީދު ދުވަސް ކަމަށް ވެފައި ސަލްމާން ޚާންގެ "ރާދޭ" ވެސް ރިލީޒް ކުރަން ކުރިން ވެސް ހަމަޖެހިފައި އޮތީ މި ދުވަހު އެވެ.

"ސޫރިޔަވަންޝީ" އީދުގައި ރިލީޒް ކުރާ ނަމަ ބޮކްސް އޮފީހުގައި "ރާދޭ" އާއެކު ވަރަށް ވަރުގަދަ ކުރިމަތިލުމަކަށް ދާނެ އެވެ.

އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އައުރް ޕިންކީ ފަރާރް" ވެސް ވަނީ ރިލީޒް ކުރުން ފަސް ކޮށްފަ އެވެ. ކުރިން މި ފިލްމު ރިލީޒް ކުރުން ހަމަޖެހިފައި އޮތީ މާޗް 20 ވަނަ ދުވަހު ނަމަވެސް މިހާރު ވަނީ ރިލިޒް ކުރާނެ ވަކި ދުވަހެއް ކަނޑަނާޅާ ފަސްކޮށްފަ އެވެ.

އަމީތާބް ބައްޗަން އާއި އަޔުޝްމާން ކުރާނާގެ "ގުލާބޯ ސިޓާބޯ" ރިލީޒްކުރަން ހަމަޖެހިފައި އޮތީ އޭޕްރީލް 17، 2020 ގައި ނަމަވެސް މިހާރު ބެލެވޭ ގޮތުގައި މި ފިލްމުވެސް ރިލީޒް ކުރުން ލަސް ކުރާނެ އެވެ. އަދި އޭޕްރީލް 24، 2020 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް"ވެސް ރިލީޒް ކުރުން ފަސްކުރާނެ އެވެ.

ގިނަ ސިނަމާތަކެއް ބަންދުކޮށްފައިވުމާއި ކޮރޯނާވައިރަހަށް ބީރުން މީހުން ބޭރަށް ނުކުންނަން ވެސް ބިރުން އުޅޭ މި ދުވަސްވަރު އެއްވެސް ފިލްމެއް ރިލީޒް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ހުރިހާ ފިލްމަކަށް ވެސް މިކަމުގެ އަސަރު ފޯރާނެ ކަން ވަނީ ޔަގީންވެފަ އެވެ. ސަބަބަކީ ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވެސް ކެންސަލް ވަމުން ދިއުމެވެ. ޚާއްސަކޮށް އިންޑިޔާއިން ބޭރުގައި ޝޫޓްކުރަން ހަމަޖެހިފައި އޮތް ވަރަށް ގިނަ ފިލްމުތަކުގެ ޝޫޓިން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.