"ބޭބީ ޑޯލް" ލަވަ ކިޔާފައިވާ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ކަނިކާ ކަޕޫރު އަށް ގިނަ ބަޔެއްގެ ނަފްރަތާއި ރުޅިވެރިކަން ވަނީ ކުރިމަތިވެފަ އެވެ. ލަންޑަނަށް ކުރި ދަތުރަކަށް ފަހު އެނބުރި އިންޑިޔާ އަށް އައިސް، ކޮރޯނާވައިރަސްގެ އަލާމާތްތައް ހުރުމާއެކު ވެސް ކަރަންޓީނު ނުވެ އެކި ޕާޓީ ތަކާއި އެއްވުންތަކަށް ގޮސްފައިވާތީ އެވެ.
މީގެ ހަތަރު ދުވަސް ކުރިން ކަނިކާ ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވަނީ ގިނަ މީހުންތަކެއް ބައިވެރިވި ވަރަށް ގިނަ ޕާޓީ ތަކަކަށް ގޮސްފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގްލޯބަލް ހެލްތު ރެގިއުލޭޝަންސް ބުނާ ގޮތުން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަނަމަ ނުވަތަ ވައިރަސް އުޅޭ ގައުމަކަށް ދަތުރުކޮށްފައިވާނަމަ އަމިއްލައަށް ކަރަންޓީނުވެގެން ގޭގައި 14 ދުވަހު ހުންނަން ޖެހެ އެވެ.
ނަމަވެސް އިނގިރޭސި ވިލާތް ކަހަލަ ކޮރޯނާވައިރަސް ވަރަށް ބާރަށް ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައި އެނބުރި އިންޑިޔާ އަށް އައިސް ކަނިކާ ވަނީ ކޮންމެވެސް ގޮތަކުން އެއާޕޯޓުން ވެސް ޗެކް ނުކޮށް ނުކުމެފަ އެވެ. އަދި އެނބުރި އިންޑިޔާ އަށް އައިސް އެތައް ސަތޭކަ މެހެމާނުންނެއް ބައިވެރިވި އެތައް ޕާޓީތަކަކަށް ވެސް ދިއުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ވެސް ތަނަވަސްވީ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުން ސްޓޭޓް ސަރުކާރުން ކަނިކާ އާ މެދު ހަރުކަށި އަޅާނެ ކަމަށް ބެލެވެ އެވެ. އިންޑިއާގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ ހެލްތު މިނިސްޓްރީން އޭނާ އާ ދޭތެރޭ އަޅާނެ ފިޔަވަޅެއް އަދި ނޭނގެ އެވެ.
ކަނިކާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަލި ހުރިކަން އެނގުނު އިރުން ފެށިގެން އޭނާ އާއި އާއިލާއިން ގޭގައި ކަރަންޓީނުވެގެން ތިބި ކަމަށެވެ. ފާއިތުވީ ހަތަރު ދުވަހުއްސުރެ ރޯގާގެ އަލާމާތްތައް ފެންނަމުންދާތީ ޓެސްޓް ކުރިއިރު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެހެންކަމުން އޭގެ ކުރިން އޭނާ އާ ކޮންޓެކްޓްވީ މީހުން ހޯދައި އެމީހުންނަށް ވެސް އެކަން އަންގަމުންދާކަމަށް ވެސް ކަނިކާގެ ބަޔާނުގައި ވެއެވެ.
ބަލި ހުރިކަން އެނގުމުގެ 10 ދުވަސް ކުރިން އޭނާ ލަންޑަނުން އެނބުރި އައި ދުވަހު އެއާޕޯޓުން ވެސް އޭނާ ހެލްތު ސްކްރީން ކުރި ކަމަށް ކަނިކާ ބުނެ އެވެ.
ނަމަވެސް ރޯގާގެ އަލާމާތްތައް ހުރުމާއެކު ވެސް ހަތަރު ވަރަކަށް ޕާޓީއަށް އޭނާ ދިޔަ އެވެ. އަދި ލަކްނޫގައި މަޝްހޫރު ހޮޓަލެއްގައި އޮތް ވަރަށް ބޮޑު އެއްވުމެއްގައި ވެސް އޭނާ ބައިވެރިވި އެވެ. އެހެންކަމުން މިހާރު އެ ހޮޓާ ވެސް ވަނީ ބަންދުކޮށް އެ ތަނުގައި އެވަގުތު ތިބި މީހުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކަނިކާ އަމަލު ކުރި ގޮތުން އެތައް ސަތޭކަ ބަޔެއްގެ ހަށިގަނޑަށް ކޮރޯނާވައިރަސް އަރާފާނެކަމުގެ ބިރު މިހާރު އެބައޮތެވެ.