ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

މިއީ މިހާތަނަށް ޓޫރިޒަމަށް ލިބޭ އެންމެ ބޮޑު ގެއްލުން: ނަޒީރު

ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން މިހާރު ލިބެމުންދާ ގެއްލުމަކީ ޓޫރިޒަމް ސިނާއަތުގެ ތާރީހުގައި ދެކޭނެ އެންމެ ބޮޑު ގެއްލުމަށް ވާނެ ކަމަށް ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ނަޒީރު (ކްރައުން ނަޒީރު) މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ސިނާއަތަށް ލިބޭ ގެއްލުންތަކަށް އެހީވާން ހާއްސަ ލޯނު ފެސިލިޓީއެއް ތައާރަފު ކުރަން ދިވެހި ބޭންކުން ބޭއްވި ރަސްމިއްޔާތަށްފަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ނަޒީރު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި އޭނާ މަސައްކަތް ކުރައްވާތާ 35 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، މިހާތަނަށް މިވަރުގެ ގެއްލުމެއް ލިބެމުންދާ ދުވަސްވަރެއް ތަޖުރިބާ ކުރެއްވިފައި ނެތް ކަމަށެވެ.

"ގެއްލުން އަދި ސީދާ ބުނަން ވެސް ނޭނގެ. ކުރިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސުނާމީ އާއި ގަލްފް ހަނގުރާމާގައި. މިހާރު މި ވާގޮތަކީ ބުކިން ހުއްޓަސް އެ ބުކިން ތަކަށް ނާދެވިގެން ގެސްޓުން މަދު ވަނީ. މަދުވެގެން ގޮސް 20 ޕަސެންޓް ނޫނީ 30 ޕަސެންޓަށް އޮކިއުޕެންސީ ދިޔައީމަ ރިސޯޓު އޮޕަރޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ. އެހެންވާ ހާލަތްތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީތައް ވެސް ހުއްޓިގެން ދާނެ،" މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްޓެރީ ޖެނެރަލްކަން ވެސް ކުރައްވާ، ނަޒީރު ވިދާޅުވި އެވެ.

ކުރިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސުނާމީ އާއި ގަލްފް ހަނގުރާމައިގައި. އެކަމަކު މިހާރު މިވާ ގޮތަކީ ބުކިން ހުއްޓަސް އެ ބުކިން ތަކަށް ނާދެވިގެން ގެސްޓުން މަދު ވަނީ. އެހެންވީމނާ މަދުވެގެން ގޮސް 20 ޕަސެންޓް ނޫނީ 30 ޕަސެންޓަށް އޮކިއުޕެންސީ ދިޔައީމަ ރިސޯޓު އޮޕަރޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ
އަހުމަދު ނަޒީރު | ކްރައުން

އޭނާ ވިދާޅުވި ގޮތުގައި މިހާރު ޓޫރިޒަމަށް ލިބެމުންދާ ގެއްލުމުގެ ހަގީގީ މަންޒަރު އަދި ބުނެދޭން ނޭނގޭނެ ކަމަށާ، މި ބޮޑު ގެއްލުމުގެ ހަގީގީ މަންޒަރު ފެންނަން ފަށާނީ އަދިވެސް ދެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

ނަޒީރު ވިދާޅުވީ މިހާރު ޓޫރިޒަމަށް ލިބެމުންދާ ގެއްލުންތަކުން އަރައި ގަނެ، ވިޔަފާރިތައް ހިންގަން މިއަދު ތައާރަފުކުރި ދެ މިލިއަން ޑޮލަރު މި ލޯނު ފެސިޓީން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

"ވަރަށް ގިނަ މީހުން ތިބޭނެ ލޯނު ނަގައިގެން ތަންތަން ހަދައިގެން ތިބި މީހުން. އެމީހުން އިންޓްރެސްޓަށް ޕޭކުރަން ޖެހޭ. ވިޔަފާރި ހިނގިއަސް ނޫނީ ނުހިނގިއަސް. ފައިސާ ލިބުނަސް ނުލިބުނަސް. އެކަމަކު ލޯނު ނެތް މީހުން ވެސް ތިބޭނެ. އެ މީހުންނަށް މި ފެސިލީޓީގެ ބޭނުމެއް ނެތް،" ނަޒީރު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ދަށްވެ ރާއްޖޭގެ އިގްތިސޯދަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. އަދި މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމަ އަށް ބަލާނަމަ 161،740 ބެޑްނައިޓް ވަނީ ކެންސަލް ވެފަ އެވެ. މިކަމުގެ ސަބަބުން މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓާއި 35 ޕަސެންޓުގެ މިންވަރަކަށް ޓޫރިޒަމް ދަށްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ އަދި މި ކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް 600 މިލިއަން ޑޮލަރުގެ ގެއްލުމެއް ވުމުގެ ފުރުސަތު އެބައޮތެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 11 މީހެކެވެ. މިހާތަނަށް މުޅިންވެސް ޕޮޒިޓިވް ވެފައި ވަނީ ރިސޯޓުތަކަށް އަންނަ ގެސްޓުންނެވެ. އެގޮތުން އަނަންތަރާ ދިގުގެ ދެ މީހުން ފިޔަވައި މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހެކެވެ.