ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ކުރިއަށްއޮތީ އިންޑިއާއަށް އެންމެ މުހިއްމު 10 ދުވަސް

Mar 15, 2020

ނިއު ދިއްލީ (މާޗް 15) - ދުނިޔޭގައި ވަރަށް ހަލުއި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަހަށް އިންޑިއާގައި މިހާތަނަށް 83 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެނުނު ކޮވިޑް-19 އިގެ ނަން ދީފައިވާ އެ ވައިރަސް، މިހާރު ދުނިޔެއަށް ކުރިމަތިވި ބަލާއާފާތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާއިރު، އެ ބަލި ފެތުރިގެން ދިއުން ހުއްޓުވުމަށް ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބީދީއެއް އޮންނަ އިންޑިއާ އިން ކުރާ މަސައްކަތުގައި ކުރިއަށް އޮތް 10 ދުވަހަކީ އެންމެ މުހިއްމު ވަގުތުކޮޅުގެ ގޮތުގައި އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ސިފަކޮށްފަ އެވެ.

"ކޮންމެވެސް ވަރަކަށް އެ ބަލި ފެތުރުން ކޮންޓްރޯލްކޮށް، މީހުންތައް ދަނީ ކަރަންޓީނު ކުރެވެމުން. އެކަމަކު، އެހެން ގައުމުތަކާ އަޅާބަލާއިރު، އިންޑިއާގައި ކޭހުގެ އަދަދު މަދުކަމަށް ބުނަން އަދި މާ އަވަސް،" އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލުގެ ސައިންސްވެރިއެއް ކަމަށްވާ ނިވެދިތާ ގުޕްތާ ވިދާޅުވެފައިވެ އެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާގައި އެކަށީގެންވާ ސިއްހީ ފަރުވާދޭ ނިޒާމެއް ނެތް އިރު، އެ ބަލި ގައުމަށް ފެތުރިގެން ހިނގައްޖެނަމަ، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

އެގޮތުން، ގިނަ އަދަދެއްގެ މީހުނަށް ކޮވިޑް-19 ފަދަ ބައްޔަކަށް ފަރުވާދެވޭނެ ހޮސްޕިޓަލު އެނދާއި، އައިސީޔޫތަކާއި، ވެންޓިލޭޓަރާއި ޑޮކްޓަރުން ނެތުމަކީ ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ނަމަވެސް، އެކަމުގައި އިންޑިއާއަށް އޮތް ހަމައެކަނި ހިތްހަމަޖެހިމަކީ، އާބާދީގެ ނިސްބަތަށް ބަލާއިރު، އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަދި މިހާތަނަށް ކޮންޓްރޯލްވެފައި އޮތުމެވެ.

އެހެން ގައުމުތަކެކޭ އެއް ފަދައިން، އިންޑިއާގައި ވެސް އެއާޕޯޓުތަކުގައި މީހުން ސްކްރީންކުރުމާއި ޓެސްޓު ކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްވެފައިވާ ސަބަބުކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެއީ ކާމިޔާބީއެއްގެ ގޮތުގައި ދެކިގެން، ފަރުވާކުޑަކޮށްލައިގެން ނުތިބެވޭނެކަމަށް ސިއްހީ މާހީރުން ދަނީ ގޮވާލަމުންނެވެ.

އެ ބައްޔާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ކޮވިޑް-19އަށް މީހުން ހޭލިތެރި ކުރުވަން ޕްރިންޓް އަދި އޮންލައިންކޮށް މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.

އިންޑިއާގައި މިހާރުވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ 52 ލެބޯޓަރީއެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި މާސްކާއި ސެނިޓައިޒާއަކީ އަސާސީ ތަކެތި ގޮތުގައި ކަނޑައަޅައި، އެތަކެތީގެ ނާޖާއިޒު ފައިދާ ވިޔަފާރިވެރިން ނެގުމުގެ ދޮރުވެސް ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބޭރު މީހުންނަށް ވިސާ ދޫކުރުން ހުއްޓާލައި، ސިނެމާތަކާއި ބޮޑެތި އެއްވުންތައްވެސް ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް ވައިރަސްގެ އަލާމާތްތައް ފެންނަން އާއްމުކޮށް 10 ދުވަހާއި 14 ދުވަހުގެ މުއްދަތެއް ނަގާއިރު، އެ ބަލި ފެތުރުން އިންޑިއާގައި ހުއްޓުވިފައިވާކަމަށް ބެލުން އަދި މާ އަވަސް ކަމަށް ސިއްހީ މާހިރުން އިތުރަށް ބުނެފައިވެ އެވެ. އަދި ފަގީރުމީހުންގެ އާބާދީ ބޮޑުއިރު، ގިނަ ސަރަހައްދުތަކުގައި އެއް ތަނެއްގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، އާއްމުންގެ ތެރޭގައި އެ ބަލި ފެތުރިގެން ހިނގައްޖެނަމަ، ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަމަށް މާހިރުން ވަނީ އިންޒާރުދީފަ އެވެ.