ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކޮވިޑް-19 ބަލާއާފާތު ރަދީފުން

Mar 15, 2020
1

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން އުފަންވެގެން މިހާރު މުޅި ދުނިޔެއަށް ފެތުރެވިފައިވާ އާ ކޮރޯނާ ވައިރަހަކީ ޕެންޑެމިކް އެއް ނުވަތަ ދުނިޔެއަށް މެދުވެރިވި ބަލާއާފާތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އެވަނީ ސިފަކޮށްފަ އެވެ. އެ ބަލި ފެތުރުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ބައްޔާ ގުޅުވައިގެން، ކޮންމެ ދުވަހަކުވެސް އާ ބަސްތަކެއް ދަނީ ފެންމަތިވަމުންނެވެ.

ބަލާއާފާތުގެ ތެރެއިން ދުނިޔޭގައި މިހާރު ހިނގަމުންދާކަންކަން އެންމެ ރަނގަޅަށް ފަހުމްވެ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެ ބައްޔާ ގުޅިގެން އަންނަ ބަސްތަކުގެ މާނަ އެނގުން މިހާރު ވަނީ ވަރަށް ބޮޑަށް މުހިއްމުވެފަ އެވެ.

ޕެންޑެމިކް

މިދިޔަ ބުދަ ދުވަހު ޑަބްލިޔުއެޗްއޯ އިން ވަނީ ކޮވިޑް-19 އަކީ "ޕެންޑެމިކް" އެއްކަމަށް ކަނޑައަޅައިފަ އެވެ. މީގެ ކުރިން އެ ބަސް ބޭނުން ނުކުރަން ސިއްހަތު ޖަމިއްޔާ އިން ވަރަށް މަސައްކަތްކުރި ނަމަވެސް، ކޮވިޑް-19 ރޯގާ ދުނިޔޭގެ ހަ ބައްރެއްގެ 100 އަށް ވުރެ ގިނަ ގައުމަކަށް ފެތުރިގެން ދިޔުމާއެކު ކޮވިޑް-19 އިގެ ދަރަޖަ އެންމެ ފަހުން މަތި ކުރަން ލާޒިމުވީ އެވެ.

"ޕެންޑެމިކް" ނުވަތަ ބަލާއާފާތެއް ކަމަށް ނުވަތަ ބަލާމުސީބާތެއް ކަމަށް ކަނޑައަޅަނީ، މުޅި ދުނިޔެއަށް ފެތުރިގެންދާ ބައްޔެއް ގިނަ ބަޔަކަށް ޖެހުމުންނެވެ. މީގެ ކުރިން ޑަބްލިޔުއެޗްއޯ އިން އެ ބަސް ބޭނުން ކުރަން ބޭނުން ނުވީ، އެ ބަލި ނުހުއްޓުވޭނެ ކަމުގެ މެސެޖު ދެވިދާނެ ކަމުގެ ބިރަށެވެ.

ކޮވިޑް-19

ކޮރޯނާ ވައިރަސްގެ ޓެކްނިކަލް ނަމަކީ "ސާސް-ކޮވް2" އެވެ. އަދި އެ ވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަށް ދީފައިވާ ނަމަކީ، "ކޮރޯނާވައިރަސް ޑިޒީސް 2019" ނުވަތަ ކުރުކޮށްލުމަށްފަހު "ކޮވިޑް-19" އެވެ.

ކޮރޯނާވައިރަސްތަކަކީ އިންސާނުންގެ އިތުރުން ޖަނަވާރުންގެ ހަށިގަނޑުގައި ހުންނަ ގިނަ ވައިރަސްތަކުގެ ތެރެއިން އާއްމު ވައިރަސްތަކެކެވެ. މިފަހަރު ޗައިނާއިން ފެނުނު ވައިރަސް، އިންސާނުންނަށް ފެތުރުނީ ވާލުގެ ގައިން ކަމަށް ބައެއް ސިއްހީ މާހިރުން ލަފާ ކުރައްވަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މިހާރު އާއްމުކޮށް ގެންގުޅޭ އެއްވެސް އެންޓިބަޔޮޓިކެއް މަސައްކަތެއް ނުކުރެ އެވެ. އެހެންކަމުން، އެ ވައިރަހާ ދެކޮޅަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ހުއްޓާ ނުލައި ކުރަމުންނެވެ.

އިންކިޔުބޭޝަން

އިންކިޔުބޭޝަންއަކީ ކޮވިޑް-19 ޖެހޭ މީހެއްގެ ފަރާތުން އެ ބަލީގެ އަލާމާތްތައް ފެންނަން ފަށާ މުއްދަތެވެ. މި މުއްދަތަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކަމާބެހޭ އިދާރާތަކަށް ލިބޭ ވަރަށް މުހިއްމު ވަގުތުކޮޅެކެވެ. އެއީ ބަލި ޖެހިފައިވާ މީހަކާ ގާތްވެފައިވާ އެހެން މީހުން އެކަހެރިކޮށް، ކަރަންޓީނު ކުރަން ލިބޭ މުއްދަތެކެވެ.

ސިއްހީ މާހިރުން މިހާތަނަށް ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 ޖެހޭ މީހެއްގެ ކިބައިން އަލާމާތްތައް ފެންނަން ދެ ދުވަހާއި 14 ދުވަހުގެ މުއްދަތެއް ނަގާނެ އެވެ. އެގޮތުން، އެވަރެޖު ގޮތެއްގައި ބަލި ޖެހޭތާ ފަސް ދުވަހުގެ ތެރޭގައި އަލާމާތްތައް ފެންނާނެ އެވެ.

ނަމަވެސް، ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން، ބަލި ޖެހިފައިވާ މީހެއްގެ ގައިން އެހެން މީހުނަށް ބަލި ފެތުރޭ ކަމީ، މީހުން އެކަހެރިކޮށް، ކަރަންޓީނު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ސޯޝަލް ޑިސްޓަންސިންގް

މީހުން ގިނަ ސަރަހައްދުތަކުގައި މި ބަލި ފެތުރޭ މިންވަރު އިތުރުވާކަން އެކި ގައުމުތަކުން އެ އޮތީ ފެންނާށެވެ. ބަލި ޖެހުނު މީހަކާ ގާތްވާ ފަސް ޕަސަންޓާއި 10 ޕަސަންޓް މީހުނަށް އެ ބަލިޖެހޭ ކަމަށް ބުނަމުން ދާއިރު، ގިނަ ގައުމުތަކުން ބޮޑެތި އެއްވުންތަކާއި، ކުޅިވަރު މުބާރާތްތަކާއި ސިނަމާތައް ފަދަ ތަންތަން ބަންދު ކުރަމުން ދަނީ އެ ސަބަބާހެދި އެވެ.

ދުނިޔޭގެ އެކި ލީޑަރުން ހިމެނޭ ގޮތަށް މިހާރު އެންމެ އާއްމުކޮށް އިވޭ އެއް ބަހަކީ ސޯޝަލް ޑިސްޓަންސިންގް އިތުރު ކުރުމަށް ކުރާ އިލްތިމާސެވެ. ސޯޝަލް ޑިސްޓަންސިންގެ މާނައަކީ މީހުންގެ ދޭތެރޭގައި ހުންނަ ދުރުމިން އިތުރު ކުރުމެވެ. ނުވަތަ ލާމެހުން ކުޑަ ކުރުމެވެ. އެގޮތުން، ދެ މީހެއްގެ ދެމެދު ހުންނަ ދުރުމިން އިތުރު ކުރުމަށްޓަކައި، ގޭގައި މަޑުކުރުމާއި، މީހުން ގިނަ ތަންތަނަށް ނުދިޔުން ހިމެނެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ދެ މީހެއްގެ ދެމެދުގައި ހަ ފޫޓުގެ ދުރުމިން ހުންނަނަމަ، ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެ ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ހަނިވެ އެވެ.

އައިސޮލޭޝަން

އައިސޮލޭޝަން ނުވަތަ އެކަހެރިކުރުމުގެ މައިގަނޑު ބޭނުމަކީ ބަލި މީހުން، ރަނގަޅަށް ތިބި މީހުނާ ދުރު ކުރުމެވެ. ކޮވިޑް-19 އިގެ އަލާމާތްތަކަކީ އާއްމު ރޯގާތަކުގައި ވެސް ހުންނަ އަލާމާތްތަކަކަށް ވާތީ، ރޯގާ ޖެހިފައި ތިބި މީހުން "ސެލްފް - އައިސޮލޭޓް" ނުވަތަ އަމިއްލައަށް އެކަހެރިވެ، ގޭގައި މަޑުކުރަން އިލްތިމާސް ކުރަނީ ވަރަށް މުހިއްމު ބޭނުމެއްގަ އެވެ.

ކޮވިޑް-19 ޖެހުމުގެ ފުރުސަތު ނެތް މީހަ ކުވެސް، ރޯގާގެ އަލާމާތްތައް ހުރި ނަމަ، ފަރުދީ ޒިންމާ އަދާކޮށް، މީހުންގެ ތެރެއަށް ނުނުކުމެ ގޭގައި މަޑު ކުރުމުން، މުޖުތަމައުގައި ރޯގާ ފެތުރުން މަދު ކުރެވެ އެވެ. ރޯގާ ފެތުރިގެން ހިނގައްޖެނަމަ، ކޮވިޑް-19 ޖެހިފައި ތިބި މީހުން ދެނެގަނެ، ޓެސްޓް ކުރުމުގެ މަސައްކަތް އިތުރަށް އުނދަގޫ ވެގެންދެ އެވެ.

އައިސޮލޭޓްކޮށްފައިވާ މީހެއްގެ ކިބައިން 14 ދުވަހުގެ ތެރޭގައި ބަލީގެ އެއްވެސް އަލާމާތެއް ނުފެނިއްޖެނަމަ، އެމީހެއްގެ ފަރާތުން އެހެން މީހަކަށް ނުރައްކަލެއް ނެތް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ކަރަންޓީނު

އައިސޮލޭޝަނާ ހިލާފަށް، ކަރަންޓީނު ކުރަނީ، ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެ، އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން، އެހެން މީހުނާ ބައްދަލު ނުވާނެ ގޮތަށް އެކަހެރިކޮށްފައި ބެހެއްޓުމަށްޓަކަ އެވެ. އިންކިޔުބޭޝަން މުއްދަތަށް ކަރަންޓީނު ކުރަނީ އެފަދަ މީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެނޭތޯ ބެލުމަށެވެ.

ހާއްސަކޮށް ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާ އާއި އިޓަލީ، އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކަށް މިފަހުން ދަތުރުކޮށްފައިވާ ހުރިހާ މީހުން ކަރަންޓީނު ކުރަން މަޖުބޫރު ވަނީ އެ ބަލި ޖެހިފައިވުމުގެ ފުރުސަތު ބޮޑުވީމަ އެވެ.

އަދި ކަރަންޓީނު ކޮށްފައިވާ މީހަކު އެއްވެސް އިތުރު މީހަކާ ބައްދަލުވެ، ތިން ފޫޓާއި ހަ ފޫޓަށް ކައިރި ނުވުމަށް ސިއްހީ މާހިރު އިރުޝާދު ދެއްވަ އެވެ.

ކޮންޓެއިންމަންޓް

ކޮންޓެއިންމަންޓަކީ ވައިރަސް ފެތުރުން ހުއްޓުވަން ސަރުކާރުތަކުން ކުރާ މަސައްކަތްތަކާއި އަޅާ ފިޔަވަޅުތަކެވެ. މިގޮތުން، އެއްވުންތައް މަނާ ކުރުމާއި، ސްކޫލުތައް ބަންދު ކުރުމާއި، މީހުން ގެއިން ނުނުކުތުމަށް އެންގުމާއި، އެހެން ގައުމުތަކުން މީހުން އެތެރެވުން މަނާ ކުރުމަކީ، ކޮވިޑް-19 ކޮންޓެއިން ކުރުމަށް މިހާރު ދުނިޔޭގައި ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކެވެ.

ފޭޓޭލިޓީ ރޭޓް

"ފޭޓޭލިޓީ ރޭޓު" ކަލްކިޔުލޭޓް ކުރަނީ ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދުން ގެއްލައިގެނެވެ.

ކޮވިޑް-19 އިގެ "ފޭޓޭލިޓީ ރޭޓު" ނުވަތަ މަރުވާ މީހުންގެ ނިސްބަތަކީ ތިން ޕަސަންޓް ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ. ނަމަވެސް، ބައެއް ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި، ކޮވިޑް-19 އިގެ "ފޭޓޭލިޓީ ރޭޓު" ނުވަތަ މަރުވާ މީހުންގެ ހަގީގީ ނިސްބަތަކީ އެއް ޕަސަންޓެވެ.