ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭހުން އަންނަ ދިވެހިން ގޭގައި އެކަހެރި ކުރަން ނިންމައިފި

Mar 15, 2020

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝުން މީހުން އެތެރެވުން ރާއްޖޭން މަނާކޮށްފައިވާއިރު، އެގައުމުން ރާއްޖެ އަންނަ ދިވެހިން މީގެ ކުރިން ކަރަންޓީނުކުރަންޖެހޭ ގޮތަށް ނިންމާފައިނިންމުން، ލުއިކޮށް އެ މީހުން ގޭގައި އެކަހެރިކުރާގޮތަށް ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝުން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކުރީ މިމަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް، އެގައުމުން ރާއްޖެ އަންނަ ދިވެހިން އެތެރެވޭގޮތަށް އޮތް ނަމަވެސް، އެ ފަދަ މީހުންގެ ކުރިން ދާންޖެހެނީ 14 ދުވަހުގެ ކަރަންޓީނަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ ބަންގްލަދޭޝުން އަންނަ ދިވެހިން މިހާރު ކަރަންޓީނުކުރުމުގެ ބަދަލުގައި އެ މީހުން ތިބެންޖެހޭނީ ސެލްފް-އައިސޮލޭޝަންގައި ގޭގައި ކަމަށެވެ.

ބަންގްލަދޭޝްގައި މިހާތަނަށް ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ބަންގްލަދޭޝްގެ އިތުރުން ރާއްޖޭން ވަނީ ޗައިނާ އާއި، އިޓަލީ، އިރާނު، ސްޕެއިން، ދެކުނު ކޮރެއާގެ ދެ ސިޓީއަކާއި، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސިޓީތަކުން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.